ޚަބަރު

ގްރީން އަތުން މާޒިޔާއަށް ފަސޭހަމޮޅެއް


ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި މާޒިޔާއިން ގްރީން ސްޓްރީޓްސްގެ ކޮޅަށް 7 ލަޑުޖަހާ އެޓީމްގެ ފެންވަރު ދައްކާލައިފިއެވެ. އެންމެ ފަހު ލީގް ޗެންޕިއަން މާޒިޔާއިންވަނީ ފަސޭހަކަމާއެކު 7 ލަނޑު 1 ލަނޑުން ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ.
މާޒިޔާގެ ފުރަތަމަ ލަނޑު ލިބުނު ކޯނަރަކުން މެޗްގެ 15ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު)އެވެ. އުމެއިރު ނައިގައިދިން ކޯނަރު، ގްރީންގެ މުހައްމަދު މުސްލިޙު ގައިގައި ޖެހިފައި، ލިބުނު ބޯޅަ ހުސްކޮށް ޕެންލަޓީ އޭރިޔާގެ ތެރޭގައި އޮތް ނާއިޒަށް ލިބުމާއެކު، މެއިން ކޮންޓްރޯލްކޮށްލުމަށްފަހު، ނާއިޒް ފޮނުވާލި ބޯޅަ އަމާޒްވީ ގޯލްގެ މަތީ ދާގަނޑެވެ. މިލަނޑަށްފަހުވެސް ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ މާޒިޔާއިންކަން ފާހަގަކޮށްލެވެއެވެ. ގްރީން ސްޓްރީޓްސްއިންވެސް ރަގަނޅު ހަމަލާތެއް އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް މާޒިޔާގެ ގޯލަށް އަމާޒުކޮށް މާނުރައްކާތެރި ހަމަލާއެއް ގްރީންއަށް ފޮނުވައެއް ނުލެވެއެވެ. 

މެޗުގެ 2ވަނަ ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. އަރިމަތިން ގްރީން ސްޓްރީޓްސްގެ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ވަންނަމުން، އުމެއިރު ހުރަސްކޮށްލި ބޯޅަ ގްރީންގެ ބިދޭސީ ޑިފެންޑަރު އެލްސައީދު މަހްމޫދުގެ ފައިގައި ޖެހިފައި ލިބުނީ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުސްކޮށްހުރި އަސަދުﷲއަށެވެ. ފަސޭހަކަމާއެކު އަސަދުﷲ ގޯލް ތެރެއަށް ބޯޅަ ވައްދާލައިގެން، މާޒިޔާއިން 2 ލަނޑުގެ ލީޑެއް ގްރީންގެ މައްޗަށް ނެގިއެވެ. އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މާޒިޔާއިން ޖެހި 2 ލަނޑުގައިވެސް މުހައްމަދު އުމެއިރުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވުނެވެ. 2ވަނަ ހާފް ފެށިގެން މިނެޓެއްވެސް ނުވަނީސްވެސް މާޒިޔާއަށް ލަނޑެއް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން މުހައްމަދު އުމެއިރު ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު ލަބާން ހިފަން އުޅުމުގެ ތެރޭގައި ގޯލްގެ އޭރިޔާގެ ތެރެއަށް ބޯޅަ ވެއްޓި މާޒިޔާގެ ކުޅުންތެރިއަކު ޖެހުމުގެ ކުރިން ގްރީންގެ ކުޅުންތެރިން ވަނީ އެބޯޅަ ސާފްކޮށްލާފައެވެ. މާޒިޔާގެ 3ވަނަ ލަނޑު އިބްރާހިމް އައިސަމް ގްރީންގެ ކީޕަރު ލަބާންގެ ބޯމަތިން ގޯލަށް ވައްދާލައިގެން، ލީޑް އިތުރަށް ފުޅާކުރިއެވެ. މިބޯޅަ ހިފުމަށް ލަބާން މަސައްކަތް ކުރިނަމަވެސް ލަބާންގެ އަތުގައި ޖެހިފައި ބޯޅަވަނީ ގޯލް ތެރެއަށެވެ. މިލަނޑަކީވެސް މިޑްފީލްޑަރ މުހައްމަދު އުމެއިރުދިން ޕާހައަކުން ޖެހި ލަނޑެކެވެ. 

މެޗްގައި ގްރީން ސްޓްރީޓްސްއަށް ސުން ކަޑުވާލީ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފީލްޑަރު މުނޯޒް އޭންޖަލް ކަރެސްކޯޒާއެވެ. ގްރީންއިން މިލަނޑުޖެހިތާ މިނެޓެއްވެސް ނުވަނީސް ގްރީންގެ ބޮޑު އޭރިޔާގެ އަރިމަތިން ނާއިޒް ހަސަން ހުރަސްކޮށްލި ބޯޅަ ލިބުނީ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުސްކޮށްހުރި ކެޕްޓަން އަސަދުﷲ އަބްދުﷲއަށެވެ. ހުސްކޮށްހުރެފައި އަސަދުﷲ ކާމިޔާބުކުރި މިލަނޑަކީ މާޒިޔާގެ 4ވަނަ ލަނޑެވެ. ލީޑް އިތުރަށް ފުޅާކުރުމަށް މާޒިޔާގެ ހަމްޒާ މުހައްމަދުއަށް ރަގަނޅު ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިޔާގެ ބޭރަށް ބޯޅަ ސަލާމަތް ކުރުމަށް ގްރީންގެ ކީޕަރު ލަބާން ނިކުތުމާއެކު، އަސަދުﷲ ބޯލަ ޕާސްކޮށްލީ، އަރިމަތީގައި ހުސްކޮށްހުރި ހަމްޒާއަށެވެ. ކީޕަރު ކުރީގައި އޮތުމާއެކު ހަމްޒާ ވަރަށް ފަސޭހަކަމާއެކު ގޯލްއާއި ދިމާލަށް ފޮނުވާލި ބޯޅަ ގްރީންގެ ސާއިފް މުހައްމަދުގެ ފައިގައި ޖެހިފައި ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. މާޒިޔާއިން ޖެހި 5ވަނަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން މުހައްމަދު އިރުފާނެވެ. މެޗުގެ 2ވަނަ ހާފްގައި ގްރީންއިން ލަނޑެއް ޖެހިނަމަވެސް، ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔައީ މާޒިޔާއިންކަން ފާހަގަކޮށްލެވެއެވެ. އަދި މާޒިޔާއިން ދިޔައީ 2ވަނަ ހާފްގެ ފުރަަތަމަ 15 މިނެޓްގެ ތެެރޭގައި ގްރީންގެ ގޯލަށް ފުލުފުލުގައި ނުރައްކާ ކުރަމުންނެވެ. މެޗްގެ 75ވަނަ މިނެޓްގައިވެސް މާޒިޔާގެ ހަމްޒާ މުހައްމަދަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އޭރިޔާގެ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު ލަބާންވަނީ ޕަންޗުކޮށް ބޯޅަ ބޭރުކޮށްލާފައެވެ.

މެޗްގެ 76ވަނަ މިނެޓްއިން ފެށިގެން ގްރީންއިން ކުޅެމުންދިޔައީ އެއް ކުޅުންތެެރިއަކު މަދުކޮށެވެ. ގޯލްއަށް ވަންނަން ދިޔަ ގޯޅައެއް ގްރީންގެ ފަރުހާން މުހައްމަދު އަތުގައި ޖެހުނުކަމަށް ނިންމާ ރެފްރީވަނީ މާޒިޔާއަށް ޕެނަލްޓީއެއްވެސް ދީފައެވެ. އަދި ފަރުހާންއަށް ރެފްރީވަނީ ރަތް ކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ. މިޕެނަލްޓީ މާޒިޔާއަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ސްޓެވާޑް ކޯނެލިއަސްއެވެ. މާޒިޔާގެ ހަމްޒާ މުހައްމަދަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ދަނިކޮށް، މެޗްގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގެ ތެރޭގައި ހަމްޒާވަނީ މާޒިޔާއަށް ލަނޑެއްޖަހާ މެޗްގެ ނަތީޖާ 7-1ކަށް ބަދަލުކޮށްލާފައެވެ. މިމެޗްގެ މޮޅު ކުޅުންތެެރިއަކަށް ހޮވިފައިވަނީ މާޒިޔާގެ ނާއިޒް ހަސަން (ދާދު)އެވެ.