ޓުއަރިޒަމް

4000އަށްވުރެ ގިނަ ފަތުރުވެރިން، މިއަދުވެސް ރިކޯޑެއް!


ބޯޑަރު ހުޅުވާލިފަހުން މިއަދު ރިކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލިފަހުން، ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ އައު ރިކޯޑެއް މިއަދު ހަދާފައިވާކަމަށެވެ. އެގޮތުން މިއަދު 4567 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް މިނިސްޓަރ ޑރ. މަޢުޞޫމް ވިދާޅުވިއެވެ. އަދި މި ހޯދުނު ކާމިޔާބީއަށް މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 27 ވަނަ ދުވަހުއެވެ.

އޭގެ 110 ދުވަސްފަހުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކާއި ފަތުރުވެރިންގެ ޢަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލުމަށްފަހު އެއްލައްކަ ފަތުރުވެރިން ގެނައުމަށް ހިފާފައިވާ އަމާޒު މިމަހުގެ 12 ވަނަ ދުވަހު ޙާޞިލުކޮށްފައިވާއިރު، މުޅި އަހަރަށް 5 ލައްކަ ފަތުރުވެރިން ގެނައުމުގެ އަމާޒު އޭގެ 5 ދުވަސްފަހުން މިމަހުގެ 17 ވަނަ ދުވަހު ވަނީ ޙާޞިލުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 އިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް 122،245 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން މިމަހުގެ 18 އާއި ހަމައަށް ޖުމްލަ 505،092 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ރަޝިއާ، އިޓަލީ، އިންޑިއާ، އިނގިރޭސިވިލާތް، އަދި ޗައިނާ ހިމެނެއެވެ.

ކޯވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދެވުނު ލުއިތަކާއެކު ޓޫރިސްޓް އެކޮމަޑޭޝަން ފެސިލިޓީތަކުގެ ގޮތުގައި މިހާރު 458 ތަނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އޭގެ ތެރޭގައި 138 ރިސޯޓަކާއި، 9 ހޮޓަލާއި، 129 ސަފާރީއެއްގެ އިތުރުން 182 ގެސްޓް ހައުސް ހިމެނެއެވެ.