ޚަބަރު

ވެލެންސިޔާ އެޓީމު ކުޅުނު 2ވަނަ މެޗު ވެސް ކާމިޔާބުކޮށްފި


ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ކުލަބް ވެލެންސިޔާއިން އެޓީމް ކުޅުނު 2ވަނަ މެޗްވެސް ކާމިޔާބުކޮށްފިއެވެ.

ލީގްގައި ކުލަބް ވެލެންސިޔާ ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބު ކުރީ ކުލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗު ކުލަބް ވެލެންސިޔާ ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު ޖާހާ ކުލަބް ވެލެންސިޔާއަށް ލީޑް ނަގައިދިނީ ފޯވާޑް އަލީ ފާސިރުއެވެ. ފުރަތަމަ ހާފްގައި 1 ލަނޑު ފެނިގެންދިޔަނަމަވެސް، ދެ ޓީމަށްވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ޔުނައިޓެޑް ވިކްޓްރީއަކަށް ކުލަބް ވެލެންސިޔާގެ ގޯލް ފޫއަޅުވާލެވިފައެއް ނުވެއެވެ.

މެޗްގެ 2ވަނަ ހާފްގައިވެސް ދެ ޓީމަށް ގޯލް ޖެހުމަށް ފުރުސަތުތަކެއް ލިބިފައިވެއެވެ. ނަމަވެސް މިފުރުސަތުތަކުގެ ބޭނުން ހިފާ ކުލަބް ވެލެންސިޔާއިން ވަނީ އިތުރު ތިން ގޯލް ޖަހައި، މެޗްގެ 2ވަނަ ހާފްގައިވެސް ލީޑް އިތުރަށް ފުޅާކޮށްފައެވެ. 2ވަނަ ހާފްގައިވެސް ކުލަބް ވެލެންސިޔާގެ 2ވަނަ ލަނޑު އެޓީމަށް ޖަހާދީފައިވަނީ ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިން ޢަލީ ފާސިރުއެވެ. މެޗްގެ އަނެއް 2 ލަނޑު ކުލަބް ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގާއި މިދުހަތުއެވެ. މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް 15 އަހަރަށްފަހު ކުލަބް ވެލެންސިޔާއަށް ކުޅޭ ފުރަތަމަ ސީޒަނެވެ. އަޝްފާގް ކެރިއަރު ފަށާފައިވަނީ ކުލަބް ވެލެންސިޔާއިން އުމުރުން 16 އަހަރުގައެވެ.