ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި
ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހިމުގެ މައްޗަށް ބޮޑު ތިން ދައުވާއެއް އުފުލައިފިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަދި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ޝަހީބާއި އިތުރު ބަޔަކު ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުއެވެ
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ މި މައްސަލާގައި ޝަހީބުގެ އިތުރުން 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިިމިނަލްކޯޓަށް ފޮނުވާފައިވާކަމަށެވެ.
130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި ޝަހީބުގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއެއްގެ ހުކުމަކީ 25 އަހަރަށް ޖަލަށްލުމާއި 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކު ޖޫރިމަނާކުރުމެވެ. މި ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޝަހީބުގެ އިތުރުން މިމައްސަލާގައި ދެން ދައުވާ އުފުލާފައިވަނީ ޝަހީބާއި އެކު މި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތުކުރާ ހއ. ހޯރަފުށީ ވައިޓްވިލާ އަހްމަދު މޫސާގެ މައްޗަށްވެސް ވަނީ 3 ދައުވާއެއް އުފުލާފައެވެ. މީގެއިތުުރުން މި މަސްތުވާތަކެތި އެތެރެކުރި ދޯނިން ހައްޔަރުކުރި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އިޤްބާލު މައްޗަށް 3 ދައުވާއަކާއި ހަމަ އެދޯނިން ހައްޔަރުކުރި ބަންގްލަދޭޝްގެ މުހައްމަދު ރިޔާދުގެ މައްޗަށް 5 ދައުވާއެއް ވަނީ އުފުލާފައެވެ.
މީގެއިތުރުން މި މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިންކަމަށްވާ ގއ. ވިލނގިލީ ދުންފިނިގޭ އަޞީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ޙުސައިންގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލާފައެވެ.
މިމައްސަލާގައި ކުޑަކުދިންތަކެއްގެ މައްޗަށް ދައުވާކުރުމަށް ޖުވެނައިލް ކޯޓަށް ހުށައަޅާފައިވާކަމަށްވެސް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވިއެވެ.
ޖަންބޯ ދޯނިން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި ޝަހީބު އިބްރާހީމް ދޫކޮށްލަން ދަށު ކޯޓުން ނިންމިނަމަވެސް ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ހައި ކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުންވަނީ ތަޢީދުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި އެކު ހިންގި ހާއްސަ އޮޕރޭޝަނެއްގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ޖަންބު ނަމަކަށް ކިޔާ މި ދޯނިން 130 ކިލޯ މަސްތުވާތަކެތި އަތުލައިގަތީ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގައެވެ.
ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީވެސް އޭނާކަމަށްް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން އޭރު ބަންދުން ދޫކޮށްލިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.