ޚަބަރު

ނ.މާޅެންދޫ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި


ނ.މާޅެންދޫގައި ޤާއިމްކުރާ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މާޅެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. ނ.މާޅެންދޫއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާ ޙަވާލުކޮށްފައިވަނީ 43 މިލިއަން ރުފިޔާއަށެވެ.

މާޅެންދޫގައި ޤާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސް ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން ޤާއިމުކުރާ ފެން ޕްލާންޓް ބެހެއްޓުމަށް ތަރައްޤީކުރާ ޢިމާރާތުގެ 26 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން ނ.މާޅެންދޫގައި 11.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ފެންޕްލާންޓްގެ ޢިމާރާތާއި ފެން އުފެއްދުމަށް 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް ބޭނުންވާ 250 ކިއުބިކް މީޓަރުގެ 3 ތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. ހަމައެއާއެކު ގޭބިސީތަކުގައި ފެން މީޓަރު ބަހައްޓާ ފެނުގެ ކަނެކްޝަން ގުޅާއިދިނުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިމަޝްރޫޢުގައި ހިމެނޭ ނަރުދަމާގެ މަސައްކަތުގެ ދަށުން އެރަށުގައި 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 1 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އެޅުމާއި 2 ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފޯލް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން ގޭބިސީތަކުގައި ޖަންކްޝަން ބަހައްޓާ ނަރުދަމާ ކަނެކްޝަން ގުޅާދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާޅެންދޫގައި ފެނާއި ނަރުދަމާ ހަރުކޮށްދިނުމަށްފަހު އެތަންތަން ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލްގެ އިތުރުން ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން އެމްޑަބްލިއުއެސްސީގެ ފަރާތުން އެރަށަށް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިއުއެސްސީން އަންނަނީ ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ރައްކާތެރި ފެން ފޯރުކޮށްދިނުމަށްޓަކާ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނ.މާޅެންދޫގައި ބޭއް ޚާއްސަ ރަސްމިއްޔާތެއްގައި ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ފައްޓަވާ ދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއަރމަން އަޙްމަދު މައުސޫމާއި ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަޙްމަދު އީސައެވެ.