ކޯވިޑް-19ގެ ސަބަބުން އަނބުރާ ޤައުމަށް ނުދެވިތިބި މީހުންގެ ތެރެއިން ބިޒްނަސް ވީޒާ އަދި ސްޕެޝަލް ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ވީޒާ ވޯކް ވީޒާއަށް ބަދަލުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމަވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ބޯޑަރު އަދިވެސް ހުޅުވާނުލާ ޤައުމުތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވީޒާގެ ދަށުން ރާއްޖެއަށް އައިސް ތިބި މީހުންނަށް އަނބުރާ ޤައުމަށް ނުދެވި، ވީޒާގެ މައްސަލަތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. އެމައްސަލަތައް ޙައްލުކުރުމަށް އެމްޕްލޮއިމަންޓް އެޕްރޫވަލްގެ ދަށުން ވޯކް ވީޒާއަށް ބަދަލުކޮށްދޭ ގޮތަށް މިހާރު ނިންމާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ބިޒްނަސް ވީޒާގެ ދަށުން ބަދަލުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން ބިޒްނަސް ވީޒާގައި ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ވީޒާ އެކަނިކަމަށެވެ. އެހެންނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު ސްޕެޝަލް ވީޒާގެ ދަށުން ރާއްޖޭގައި އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވަމުން އަންނަ މީހުން މީގެފަހުން އެމްޕްލޮއިމަންޓް އެޕްރޫވަލްގެ ދަށުން ދޭނީ ވޯކް ވީޒާކަމަށާއެވެ. އަދި މިވަގުތު މި ވީޒާގެ ދަށުން ރާއްޖޭގައި އުޅެމުން އަންނަ ފަރާތްތަކުގެ ވީޒާ، ވޯކް ވީޒާއަށް ބަދަލުކޮށްދެމުން ގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ސަބަބުން ދިމާވި ޚާއްސަ ޙާލަތުގައިވެސް އިމިގްރޭޝަނުން ވަނީ ބޯޑަރު ހުޅުވާނުލާ ޤައުމުތަކަށް ނުދެވި ތިބި މީހުންގެ ވީޒާ ހަމަވަވުމުގެ މައްސަލަތަކެއް ކުރިމަތިވަމުންދާތީ އެފަރާތްތަކަށްވެސް ޚާއްސަ ޙާލަތެއްގައި ފުރޭނެ އިންތިޒާމު ހަމަޖައްސަވާދެއްވާފައެވެ. އެގޮތުން މިއަހަރުގެ މާޗްމަހުގެ ތެރޭގައި އެއިދާރާއިން ވަނީ ރާއްޖެއިން ފުރަން ބޭނުންވާ ފަރާތްތަކަށް "އެޕްލިކޭޝަން ފޯރ އިމަރޖެންސީ ޑިޕާރޗަރ" ފޯމު މެދުވެރިކޮށް ފުރޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. މިފޯމު މެދުވެރިކޮށް މިއަހަރުގެ ނިޔަލަށް ފުރޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މީގެ އިތުރުން ވޯކް ވީޒާ ފިޔަވާ އެހެނިހެން ވީޒާގައި ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ވީޒާ އާކުރުމަށް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން އިމިގްރޭޝަނަށް ހުށަހަޅާ ފަރާތްތަކުގެ ވީޒާގެ މުއްދަތު، ޖޫރިމަނާ ފައިސާއާއި ނުލާ އާކޮށްދިނުމަށްވެސް އިމިގްރޭޝަނުން ވަނީ ނިންމަވާފައެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ތާށީވެފައި ތިބި އިންޓަރނޭޝަނަލް ޓްރެވެލަރސްއަށް ކުރިމަތިވެފައިވާ އެކި ދަތިތައް ޙައްލުކޮށްދިނުމަށް ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން އިމިގްރޭޝަނުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.