ޚަބަރު

ލ.ގަމުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާންކޮށްފި


ލ.ގަމުން ދިރިއުޅުމަށް ދޫކުރަން ނިންމާފައިވާ 400 ބަންޑާރަ ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓް އިއުލާން ކޮށްފިއެެވެ.

ލ.ގަމު ކައުންސިލްއިން އާއްމުކޮށްފައިވާ ދާއިމީ ލިސްޓްގައި ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލުވެސް ހިމަނާފައިވެއެވެ. އެ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން 65 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވަނީ 391 ފަރާތަކަށްކަމަށްވާއިރު މި ފަރާތްތަކަށް ގޯތި ލިބޭނެއެވެ. އަދި ބާކީ އިން 9 ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތަކުން ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ. މި ގުރުއަތުލުން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ލ.ގަމުން މިފަހަރު ދޭން ހަމަޖެހިފައިވާ 400 ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއެކު މި މަހުގެ 29 ވަނަ ދުވަހު ގޯތި ލިބޭ ސަރަހައްދުތައް ކަނޑައެޅުމަށް ގުރުއަތުލުން އޮންނާނެކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ. އަދި ހަމަ އެދުވަހު ގޯތި ލިބޭ ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރާނެކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ލ.ގަމު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޝާހީން މައުލޫމާތު ދެއްވި ގޮތުގައި ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އިއުލާންކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ލިބިފައިވާ ޝަކުވާތަކަށް ޖަވާބު ދާރިވެ، މިހާރު ނެރެފައިވާ ފައިނަލް ލިސްޓްއަކީ އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަކަށް އެކުލަވާލެވިފައިވާ ލިސްޓެކެވެ.

ޝާހީން ވިދާޅުވީ 13 އަހަރަށް ފަހު ލ.ގަމުން ގޯތި ދޫކުރަން ތައްޔާރުވަމުން އަންނަ އިރު ދިމާވާ އެންމެ ބޮޑު ދައްޗަކީ އަލަށް ގޯތި ދޫކުރާ ސަރަހައްދަކީ މިހާރު މީހުން ދިރިއުޅެމުންދާ ސަރަހައްދާއި ދުރު ސަރަހައްދަކަށް ވުމެވެ. އެހެން ކަމުން މަގުތައް ހެދުމާއި ކަރަންޓުލުމުގެ މަސައްކަތް ކުރެވިގެން ނޫނީ ގޯތި ދޫކުރުމުގެ ބޭނުން އަދި ނުފުދޭނެކަމަށް ޝާހީން ވިދާޅުވިއެވެ. މިހާރުވެސް ގެވަޅު ލިބި އެހެންނަމަވެސް ކަރަންޓުގެ ހިދުމަތް ނެތުމުން ގޯތި އިމާރާތް ނުކުރެވި ވަރަށް ގިނަ ރައްޔިތުން ތިބިކަންވެސް ޝާހީން ފާހަގަކުރެއްވިއެވެ. ކައުންސިލްގެ ފަރާތުން މި މަސައްކަތް ކުރުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އަންނަ އަހަރު އެމަސައްކަތް ކުރެވޭނެ ގޮތް ހަމަޖެހޭނެކަމަށް އުއްމީދު ކުރައްވާކަމަށް ޝާހީން ވިދާޅުވިއެވެ.

"ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި، ގޯތި ލިބުނުކަމުގެ އުފާ އޮންނާނެ އެހެންނަމަވެސް އަދި އެތަންތަން ބޭނުން ކުރެވޭނެ ވަރު ވޭތޯ އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން، ސަރުކާރާ ގުޅިގެން. ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން މިރަށަށް ވަޑައިގަންނަވާ ކޮންމެ ދަތުރުފުޅެއްގަވެސް އަޅުގަނޑުމެން ދަންނަވަމުން މިގެންދަނީ މިރަށު ގޯތި ދީފަ އޮތް ސަރަހައްދުގައިވެސް ހުރި މަގުތައް ހެދޭނެގޮތެއް އަޅުގަނޑުމެނަށް ހައްދަވައިދޭށެ. އަޅުގަނޑުމެން އުންމީދު މިކުރަނީ އަންނަ އަހަރު މިކަން ފަހިވެގެންދާނެކަމަށް " ޝާހީން ވިދާޅުވިއެވެ.

ހައްދުންމަތީ ލ.ގަމުން ގޯތި ދޫކުނުކުރާތާ މިހާރު 13 އަހަރުވެފަވާއިރު ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 400 ގޯއްޗައް 1400 އެއްހައި މީހުން ފޯމު ލާފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ. އެތައް ދުވަހަކަށް ފަހު ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިކަމުގެ ސަބަބުން ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުން ތަކަކަށް ހައްލު ލިބިގެންދާނެކަމަށާއި ގޯތި ދޫކުރުމަށް ފަހުވެސް މި ގޯތިތައް ބޭނުންކުރުމަށް ރައްޔިތުން ބޭނުންވާނެ އެންމެހާ ވަސީލަތްތަކާއި ހިދުމަތްތައް ހޯއްދަވައިދެއްވުމަށް ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމަށް ޝާހީން ވިދާޅުވިއެވެ.