ކުޅިވަރު

ފީފާއިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޮސްކީއަށް


ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް، ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީއަށް ލިބިއްޖެއެވެ.

ފީފާގެ " ދަ ބެސްޓް" އެވޯޑް ލެވަންޑޮސްކީއަށް ލިބުނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ލިއޮނަލް މެސީއާ ވާދަކޮށެވެ. މި އެވޯޑް ހޯދާނެކަމަށް ކުރިން ވެސް ޔަގީންވެފައިވާ ލެވަންޑޮސްކީ ވަނީ މިދިޔަ ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކުރި ބަޔާނުން ހޯދި ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ލެވަންޑޮސްކީ ވަނީ ބަޔާން މިއުނިކުން ޖަރުމަނު ބުންޑަސް ލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު އެ ދެމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މީގެ އިތުރުން ބަޔާނުން ހޯދި ޖަރުމަނު ކަޕްގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކުރީ ލެވަންޑޮސްކީއެވެ. ފީފާ އެވޯޑްގެ އިތުރުން ލެވަންޑޮސްކީ ވަނީ މިއަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފައެވެ.

ސްވިޓްޒަލެންޑުގެ ޒިއުރިޗްގައި ރޭ އޮތް އެވޯޑް ހަފްލާގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ އާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ކޯޗުގެ އިތުރުން އެންމެ މޮޅު ގޯލަށްދޭ “ޕުސްކަސް” އެވޯޑާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ކުޅުންތެރިންވެސް ހޮވާފައެވެ. މީގެ އިތުރުން ފޭން އެވޯޑާއި ފީފާ ފެއާރ ޕްލޭ އެވޯޑުގެ އިތުރުން އަންހެން އަދި ފިރިހެން އެންމެ މޮޅު އެގާރަ ކުޅުންތެރިން ހިމެނޭ ފިފްޕްރޯ ޓީމުވެސް ހޮވިއެވެ.

އެންމެ މޮޅު ފިރިހެން ކޯޗުގެ އެވޯޑް ހޯދީ ލިވަޕޫލް ކޯޗު ޔާގޮން ކުލޮޕްއެވެ. ކްލޮޕަށް އެވޯޑް ލިބުނު އެންމެ ބޮޑު ސަބަބަކީ 30 އަހަރަށް ފަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކުރުމުންނެވެ. ފީފާ އިން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމް މިދިޔަ އަހަރު ވެސް ހޯދީ ކްލޮޕްއެވެ. މި އެވޯޑަށް ކްލޮޕާ އެންމެ ގާތުން ވާދަކުރީ މިއަހަރު ބަޔާން މިއުނިކާއެކު ފަސް ތަށި ކާމިޔާބުކުރި ހަންސީ ފްލިކްއާއި ލީޑްސް ޔުނައިޓެޑްގެ ކޯޗު މާސެލޯ ބިއެލްސާއެވެ.

މިއަހަރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމް ލިބުނީ ނެދަލެންޑްސްގެ ސަރީނާ ވިއެގްމަން އަށެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީގެ އެމާ ހަޔެސް އާއި ލިޔޯންގެ ޖީން-ލޫކް ވަސެއާއެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓަރ ސިޓީ އާއި އިންގްލެންޑުގެ ލޫސީ ބްރޯންޒްއެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީ އާއި ޑެންމާކްގެ ޕާނިލޭ ހާޑާ އާއި ލިޔޯން އާއި ފްރާންސްގެ ވެންޑީ ރެނާޑްއެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ ބަޔާން މިއުނިކާއި ޖަރުމަނުގެ ގޯލްކީޕަރު މަނުއެލް ނޯޔާއެވެ. ނޯޔާއާއެކު މި އެވޯޑަށް ވާދަކުރީ މިދިޔަ އަހަރު އެމަގާމް ހޯދި ލިވަޕޫލާއި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި އެތުލެޓިކޯ މެޑްރިޑާއި ސްލޮވީނިއާގެ ގޯލްކީޕަރު ޔަން އޮބްލަކްއެވެ. އެކަމަކު ފީފައިން ހޮވި އަހަރު އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމުން ނޯޔާ ހިމެނިފައިނުވާއިރު، އެޓީމުން ޖާގަ ހޯދީ އެލިސަންއެވެ.

އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާއަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ދެކުނު ކޮރެއާގެ ތަރި ސޮން ހެއުން މިން އަށެވެ. އެވޯޑް ލިބުނު ސޮންގެ ގޯލަކީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑެވެ. އޭނާ އަކީ އެވޯޑަށް ނޮމިނޭޓްވި ކޮރެއާގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

ފިރިހެން އެންމެ މޮޅު އެގާރަ ކުޅުންތެރިން ހިމެނޭ ފިފްޕްރޯ ޓީމުގައި މިފަހަރު އެންމެ ގިނައީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. މި ޓީމުގައި ހިމެނުނު އެގާރަ ކުޅުންތެރިންނަކީ ގޯލްކީޕަރު އެލިސަން ބެކާ، ޓްރެންޓް އަލެކްޒަންޑަ-އާނޯލްޑް، ވާޖިލް ވެން ޑައިކް، ސާޖިއޯ ރާމޯސް، އަލްފޮންސޯ ޑޭވީސް، ޖޯޝުއާ ކިމިޗް، ކެވިން ޑި ބްރޭނާ، ތިއާގޯ އަލްކަންޓާރާ، ލިއޮނަލް މެސީ، ރޮބާޓް ލެވަންޑޮސްކީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އެވޯޑް ހަފްލާގައި އިނގިރޭސިވިލާތުގެ ސްކޫލް ދަރިވަރުންނަށް ހިލޭ ކޮއްތު ފޯރުކޮށްދިނުމަށް ސަރުކާރަށް ޕްރެޝަރުކޮށް އެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފާޑަށް ފީފާ ފައުންޑޭޝަން ވަނީ އެވޯޑް ދީފައެވެ.

މިރަސްމިއްޔާތުގައި މިދިޔަ މަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ޑިއޭގޯ މަރަޑޯނާ އާއި މިދިޔަ ހަފްތާ ދުނިޔެ ދޫކުރި އިޓަލީގެ ކުރީގެ ފުޓްބޯޅަ ތަރި ޕައޮލޯ ރޮސީގެ ހަނދާން ވަނީ އާކޮށްފައެވެ. އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު އޭނާ އަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މަރަޑޯނާ ވަނީ 1986 ވަނަ އަހަރު އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި ތަފާތު މޮޅުކުޅުމެއް ދައްކާފައެވެ. އުމުރުން 64 އަހަރުގައި ރޮސީ މަރުވިއިރު އޭނާ އަކީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އިން ކާމިޔާބުކުރިއިރު އެންމެ ގިނަ ގޯލު ޖަހައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.