ޚަބަރު

ގްރީން ސްޓްރީޓުގެ ނަތީޖާއަށްވުރެ ބޮޑަށް މާޒިޔާއިން ބަލަނީ އެޓީމުގެ ކުޅުމަށް - ނިޒާމް


ލީގްގައި އެންމެ ފަހުން ގްރީން ސްޓްރީޓްސް ކުޅުނު މެޗުގައި އެޓީމު ނެރުނު ނަތީޖާއަކީ މާޒިޔާއިން މާބޮޑު ސަމާލުކަމެއް ދޭކަމެއް ނޫންކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގްގެ އެންމެ ފުރަތަމަ މެޗްގައި މާޒިޔާއިންވަނީ ޔުނައިޓެޑް ވިކްޓްރީ 4-0 އިން އެޓީމް ބަލިކޮށްފައެވެ. އަދި ކުލަބް ވެންސިޔާއިންވަނީ 1-0 ލަނޑުން ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ. މާދަމާ ރޭ ގްރީން ސްޓްރީޓްސް އާއި ވާދަކުރާ މެޗްގެ ކުރިން މާޒިޔާގެ ކޯޗް ނިޒާމް ބުނީ މާޒިޔާއިން އިދިކޮޅަށް ނިކުންނަ ޓީމްގެ ނަތީޖާއަށްވުރެ ބޮޑަށް ވިސްނަނީ އެޓީމުގެ ކުޅުމުގެ ވަށްޓަފާޅިއަށްކަމަށެވެ. މާޒިޔާއިން ދަނީ ގްރީން ސްޓްރީޓުގެ މެޗަށް ވަރަށް ރަގަނޅަށް ތައްޔާރުވަމުން، ކޮންމެ ޓީމަކާދެކޮޅަށް ނިކުންނަން ޖެހޭނީ ވަކިގޮތަކަށް ޓީމް ބައްޓަންކޮށްގެންކަމަށާއި ކޮންމެ މެޗަކީ އަދި ކޮންމެ ޓީމަކީވެސް ތަފާތު ގޮތަކަށް ކުޅޭ ޓީމްތަކެއްކަމަށް ނިޒާމް ބުންޏެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗަށްވުރެ ބޮޑަށް ލީގުގެ ފުރަތަމަ މެޗުގައި ޓީމުގެ ފަރާތުން ރަގަނޅު ކަންތައްތަކެއް ފެނިގެންދިޔަކަމާއި، ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުންވެސް ވަރަށް ބޮޑުތަނުން މިހާރު ރަގަނޅުވެއްޖެކަމަށް ކޯޗް ނިޒާމް ބުންޏެވެ. ކުރިއަށްއޮތް ގްރީން ސްޓްރީޓްސް މެޗްގައިވެސް އެކަން ތަކުރާރު ކުރާނެކަމަށް އުއްމީދު ކުރާކަމަށްވެސް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.
"އެއްގޮތަކަށްވެސް ގްރީންއިން ކުރީ މެޗްގައި ނެރިފައިވާ ނަތީޖާއަކަށް ނުބަލަން. އޭގެ ބަދަލްގައި މާޒިޔާއިން ވިސްނާނީ ގްރީން ސްޓްރީޓްސްއިން އެކުޅޭ ގޭމާއި އެމީހުންގެ ގޭމް ޕްލޭން. އެމީހުން ކުޅުމުގެ ވައްޓަފާޅި އެއީ އެންމެ ބޯޑަށް ބަލަން ބޭނުންވާ އެއްޗަކީ. އެގޮތުން ބަލާއިރު އިދިކޮޅުން މާދަމާ ރޭ ނިކުންނަ ޓީމްއަކީ ވަރަށް ވަރުގަދަ ރަގަނޅު ޓީމެއް. މިލީގްގައި ރޭންކު ކުރާއިރުގައިވެސް ރަގަނޅު ހިސާބެއްގައި ރޭންކު ކުރަންޖެހޭ ޓީމެއް ގްރީން ސްޓްރީޓްސްއަކީ. އެހެންވީމަ މެޗުން މޮޅުވާން ކުރަންޖެހޭ ހުރިހާކަމެއް ކޮށްގެން މެޗަށް ވަރަށް ރަގަނޅަށް ތައްޔާރުވެގެން ނިކުންނާނީ." މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ. 

މެޗްގެ ކުރިން ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިސްތާރު މުހައްމަދު ބުނީ މިމެޗަކީ ލީގުގައި ގްރީންއިން ނިކުންނަ އެންމެ އުދަގޫ މެޗުކަމަށެވެ. އެއީ މަޒިޔާގެ ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމްގެ ކުޅުންތެރިންނަށްވެފައި، ލީގްގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމަކީވެސް މާޒިޔާކަމަށްވާތީކަމަށް ނިސްތާރު ބުންޏެވެ. ނަމަވެސް ގްރީންގެ ކުޅުންތެރިން މިމެޗަށް ނިކުންނާނީ މާޒިޔާއަށް ރަގަނޅު ފައިޓެއްދީ މެޗް ކާމިޔާބުކުރަންކަމަށްވެސް ނިސްތާރު ބުންޏެވެ. އަދި ގްރީން ސްޓްރީޓްސްއަކީވެސް ވަރުގަދަ ޓީމެއްކަން ސާބިތުކޮށްދޭން މިއީ ވަރަށް ރަގަނޅު މެޗެއްކަމަށްވެސް ނިސްތާރު ބުންޏެވެ.

"ވެލެންސިޔާ މެޗުގައި ވަރަށް މަދު ހަމަލާއެއް ގޯލާއި ސީދާކޮށްލެވިފައިވަނީ. ވެލެންސިޔާ މެޗަށްފަހު މާޒިޔާ މެޗް މިހާ ކައިރީގައި އިނުމުން މާބޮޑު މަސައްކަތްކަތެއް އެކަމަށް ނުކުރެވޭނެ. ނަމަވެސް ޕްރީ ސީޒަންގައި ކުޅުނު މެޗްތަކަށް ބަލާއިރު، ހަމަލާތަށްވެސް އުފައްދާ ގޯލަށްވެސް ނުރައްކާކޮށްފައިވޭ. އަޅުގަނޑުމެން ކޮންމެ މެޗްއެއްވެސް ނަގަނީ ވަރަށް ސީރިއަސްކޮށް، މިލީގްގައި ފަސޭހަ މެޗްއެއް ނިއިންނާނެ. ޓީމްގެ ކުޅުންތެރިންގެ ސްޕްރިޓްވެސް ރަގަނޅު އަދި އެއްވަރެއްގެ ޓީމަކަށް ވުމުން ގްރީންއިން ކޮންމެ މެޗަކަށްވެސް ނިކުންނާނީ ވަރަށް ރަގަނޅަށް ތައްޔާރުވެގެން." ގްރީންގެ ކޯޗް ނިސްތާރު ބުންޏެވެ.