ޚަބަރު

ރާއްޖޭގެ ހަކަތައިގެ މަގުޗާޓު އިފްތިތާޙުކޮށްފި


އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ދިވެހި ސަރުކާރު ގުޅިގެން ހަކަތައިގެ ދާއިރާއިން ޙާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންކަންކުރުމަށް އެކުލަވާލާފައިވާ މަގުޗާޓު އިފްތިތާޙްކޮށްފިއެވެ. ރާއްޖޭގައި ހިންގާ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ކަންކަން ބިނާކުރާނީ މިމަގުޗާޓާ އެއްގޮތަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހަކަތައިގެ ދާއިރާއިން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލަވާލާފައިވާ "ރޯޑްމެޕް ފޯ ދި އެނަރޖީ ސެކްޓަރ އޮފް ދަ މޯލްޑިވްސް 2020-2030"އަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަންވެސް ޙާސިލުވާނެގޮތަށް އޭޑީބީއިން އެކުލަވާލާފައިވާ މަގުޗާޓެކެވެ. އަދި ކުރިއަށް އޮތްތަނުގައި ޙާސިލުވަމުންދާ މިންވަރާއި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާރު އެކުލަވާލާފައިވާ ލަނޑުދަނޑިތައް ޙާސިލުވާނެގޮތަށް މަގުޗާޓު މުރާޖާކުރަމުންދާނެކަމަށްވެސް އޭޑީބީވަނީ ވިދާޅުވެފައެވެ. އޭޑީބީއިން އެކުލަވާލާފައިވާ މިމަގުޗާޓުގެ ސަބަބުން ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދުމަށް ރާއްޖެއަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަގުޗާޓު އިފްތިތާހު ކުރުމަށް ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން އާއި މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން އޭޑީބީގެ އިސްވެރިންވެސްވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ ހަކަތައިގެ ދާއިރާގައި ސަރުކާރުގެ އަސްލު އަމާޒަކީ ރާއްޖެއިން ޖައްވައް ބޭރުކުރާ ވިހަ ގޭސް 2030 އަންނަންވާއިރަށް އެއްކޮށް ހުއްޓާލުންކަމަށެވެ.

އޭޑީބީއިން ތައްޔާރުކޮށްފައިވާ މިމަގުޗާޓުގައިވަނީ ރާއްޖޭގައި ދަތުރުފަތުރާއި ފަތުރުވެރިކަމާއި ކަރަންޓު އުފެއްދުމާއި ރާއްޖޭގައި ހިންގާ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގާނީ ހަކަތައިގެ ދާއިރާއިން ޙާސިލުކުރަން ބޭނުންވާކަންކަމަށް ބުރުނާރާނެ ފަދަގޮތަކަށްކަން ކަށަވަރުވާނެ ގޮތަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖެއިން ހަކަތައަށްކުރާ ހޭދަކުޑަކޮށް މިދާއިރާ ތަރައްޤީކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖެ ފަދަ ވަޞީލަތް މަދު ޤައުމަކުން ޖައްވައް ދޫކުރާ ވިހަ ގޭސް ސުން އިންސައްތައަށް ގެނައުމަށް ތިމާވެއްޓާ ރައްޓެހި ވަޞީލަތްތައް ބޭނުންކުރަންޖެހޭއިރު އެއީ ބޭރުގެ އެހީއާނުލާ ކުރެވޭވަރަށްވުރެ ބޮޑު އިންވެސްޓްމަންޓުތަކެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ. ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ 2018 ވަނަ އަހަރު ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށް ކުރާ މަސައްކަތުން ޙާސިލުވެފައިވާ 4 އިންސައްތަ އިތުރު 20 އިންސައްތައަށް އިތުރުކޮށް 2023 އަންނައިރު 25 އިންސައްތައާ ހަމައަށް ގެންދިޔުމެވެ.