ޚަބަރު

ކޯވިޑް-19: ސާމްޕަލް ރަޖިސްޓަރކުރާ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުވެއްޖެ


އެޗްޕީއޭގެ ސާމްޕަލްތައް ރަޖިސްޓަރ ކުރުމަށާއި ނަތީޖާ އެންޓާ ކުރުމަށް ބޭނުންކުރާ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކުރެވިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އިއްޔެ ވަނީ މި މައްސަލައާއެކު ކޯވިޑް-19ގެ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގައި ލަސްވެދާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު ކުރިއެކޭ އެއްގޮތަށް ހޯމް ކަރަންޓީންގެ ރިކުއެސްޓްތައްކުރުމާއި ޓެސްޓްތަކުގެ ނަތީޖާއާއި އެހެނިހެން މައުލޫމާތުތައް ހޯދުމުގައި ދައްޗެއް ދިމާނުވާނެކަމަށް އެޗްޕީއޭއިން މިއަދު ވަނީ މައުލޫމާތު ދެއްވާފައެވެ.

ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި ކޮންމެދުވަހަކުވެސް ހާހަކަށްވުރެ ގިނަ ސާމްޕަލްތައް ނަގައެވެ. އަދި އެ ސާމްޕަލްތަކުގެ ނަތީޖާ 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި މާލެއާއި އަތޮޅުތަކުންނާއި ރިސޯޓްތަކުން ނަގާ ސާމްޕަލްތައް ހިމެނެއެވެ. އަދި އެ ސާމްޕަލްގެ ނަތީޖާތައް އެމީހަަކަށް އެސްއެމްއެސްގެ ޒަރިއްޔާއިންނާއި އެޗްޕީއޭގެ "ހާލު ބެލުން"ޕޯޓަލުންވެސް ފެންނަން ހުރެއެވެ.