ކުޅިވަރު

މެސީގެ 300ވަނަ މޮޅާއެކު ބާސެލޯނާ ފަސްވަނައަށް


ސްޕެނިޝް ލަލީގައި ރޭ ބާސެލޯނާ މޮޅުވެ ސޮސިޑާޑް ލީގުގެ އެއްވަނައަށް މަށް އޮތް ފުރުސަތައް ހުރަސް އަޅައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ބާސެލޯނާ މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަނޑުތައް ފެނިގެން ދިޔައިރު ސޮސެއިދާދުގެ ވިލިއަމް ޖޯސް ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް ބާސާއިން ނަތީޖާ ހަމަހަމަކުރީ ޖޯޑީ އަލްބާއެވެ. މެޗުން ބާސެލޯނާ މޮޅުވި ލަނޑު ފުރަތަމަހާފް ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކުރީ ފްރޭންކް ޑި ޖޮންއެވެ. މިއީ ހުސްވި ފެބްރުއަރީ މަހުގެ ފަހުން އޭނާ ކުލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނަޑެވެ. އޭނާ ވަނީ އެންމެފަހުން ލަލީގައި ކުޅުނު ދެމެޗުގައި ދެލަނޑުޖެހުމަށް އެހީތެރިވެފައެވެ.

މިއީ ބާސެލޯނާގެ ދަނޑުގައި ކެޕްޓަން ލައޮނަލް މެސީ ހޯދި 300 ވަނަ މޮޅެވެ. އެއީ ލަލީގާގައި 211 މެޗާއި، ޗެމްޕިއަންސް ލީގުގެ 53 މެޗާއި، ކޮޕަޑެލްރޭގެ 30 މެޗާއި، ސުޕަކަޕްގެ 6 މެޗެވެ. ރޭގައި ހޯދީ މޮޅާއެކު ބާސެލޯނާ ވަނީ ލަލީގާގެ ތާވަލުގެ 5 ވަނައަށް ކުރިއަށްޖެހިލާފައެވެ. އެއީ 12 މެޗުން ހޯދި 20 ޕޮއިންޓާއެކުގައެވެ. ސޮސެއިޑާޑް ދެވަނައިގަ އޮތީ 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ 11 މެޗުން މިއަދަދަށް ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑް އެއްވަނައިގަ އޮތްއިރު ރެއާލް މެޑްރިޑް ތިންވަނައިގައި އޮތީ 13 މެޗުން ހޯދި 26 ޕޮއިންޓާއެކުގައެވެ.