އިއްޔެ ގއ. ދާންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު 3 އަހަރު ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. މި ކުއްޖާ މާލެ ގެނެސްފައިވަނީ ގއ ވިލިގިނލީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓްގައި ޒަހަމްވި ތުއްތު އަންހެން ކުއްޖާއަށް ފުރަތަމަ ފަރުވާދީފައިވަނީ ދާންދޫ ހޮސްޕިޓަލްގައެވެ.
ގއ. ވިލިނގިލި ހޮސްޕިޓަލުގެ އޮފިޝަލަކު ރޭ ވިދާޅުވީ މި ތުއްތު ކުއްޖާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބި ފައި ބިންދައިގެން ދިޔުމުގެ އިތުރުން އިތުރު ގިނަ ޒަހަމްތައްވެސް ލިބިފައިވާކަމަށެވެ.
އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި އެ ކުއްޖާގެ ގައިގައި ޖެހިގެންނެވެ. މި ކުއްޖާއަކީ އެރަށަށް ޗުއްޓީ ހޭދަކޮށްލަން ގޮސްއުޅޭ ފުވައްމުލަކު އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ޒުވާނާއަށްވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އެ ޒުވާނާއަށްވެސް ފަރުވާ ދިނުމަށް މިހާރު ވަނީ ގއ ވިލިގިނލީ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން ޒުވާނާއަކީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިންސަންސް ނެތް ޒުވާނެއްކަމަށެވެ.
މަންޒަރުދުށް ބައެއް މީހުން ބުނީ އެކްސިޑެންޓްވި ސައިކަލްގެ ފަހަތުގައިވެސް ޒުވާނެއް އިންކަމަށެވެ. އެހެންނަމަވެސް އެކްސިޑެންޓްވުމުގެ ކުރިން އޭނާ ސައިކަލުން ފުންމާލާފައިވާކަމަށާއި އޭނާއަށްވެސް ބައެއް އަނިޔާތައް ލިބިފައިވާކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙްޤީގު ކުރަމުންނެވެ.