ސިޔާސީ

ޑިމޮކްރެސީއާ ޤާނޫނު ނެގެހެއްޓުމަށް މަސައްކަތް ކުރާނެ - ރައީސް


ރާއްޖޭގެ ޑިމޮކްރެސީއާއި ޤަނޫނުތައް ނެގެހެއްޓުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަރިހަށް އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ސުޝްމާ ސްވަރާޖް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބާރުފޯރުވުމަށް ބައިނަލްއަޤްވާމީ ބައެއް ޖަމްޢިއްޔާތަކުން މަސައްކަތްކުރާކަން ފާހަގަ ކުރައްވައި، އެފަދަ ޢަމަލުތަކަށް މި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، އެ ޤައުމެއްގެ އަމިއްލަ އުސޫލުތަކަށާއި ސިޔާދަތަށް އެހެން ޤައުމުތަކުން އިޙްތިރާމް ކުރަންޖެހޭނެ ކަމަށާއި، ޑިމޮކްރެސީގެ އުސޫލުތަކާ އެއްގޮތަށް ޤައުމު ހިންގުމުގެ އަމިއްލަ އިޚްތިޔާރު ކޮންމެ ޤައުމަކަށްވެސް ލިބެންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދެކުނު އޭޝިޔާ ސަރަޙައްދުގެ ވަކިވަކި ޤައުމުތަކުގެ އެތެރޭގެ ހަމަޖެހުން އެހެން ހުރިހާ ޤައުމަކަށްވެސް ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަވަށްޓެރި ބޮޑެތި ޤައުމުތަކުގެ އެއްބާރުލުން ރާއްޖެއަށް ވަރަށް މުހިންމު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނުފަހުން 50 އަހަރުފުރޭ އަހަރުކަން ފާހަގަ ކުރައްވަމުން، ވޭތުވެދިޔަ ތާނގައި ރާއްޖެއަށް ކުރިމަތިވި ކޮންމެ ކަމެއްގައި އެއްވެސް ފަސްޖެހުމެއްނެތި ރާއްޖެއަށް އެހީތެރިވެދެއްވާފައިވާތީ، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކުގައާއި ބައިނަލްއަޤްވާމީ މައިދާނުގައި އިންޑިޔާއިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޚިޔާލު ބަދަލުކުރެއްވިއެވެ.މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާލެއާއި ހުޅުމާލޭ ސަރަޙައްދު ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި، މި މަޝްރޫޢުތަކުގެ ސަބަބުން ޙާޞިލްކުރެއްވޭނީ ޢުމްރާނީ ތަރައްޤީގެ ލަނޑުދަނޑިތައް އެކަނި ނޫންކަމުގައި ވިދާޅުވެ، މިކަމުގެ ސަބަބުން ޒުވާނުންނަށްޓަކައި ވަޒީފާގެ ފުރުޞަތުތައްވެސް ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ސުޝްމާ ސްވަރާޖް ދެއްކެވި ވާހަކަފުޅުގައި، މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި ހިނގި ހިތާމަވެރި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ލޯންޗްކޮޅުގައި ދަތުރުކުރެއްވި ބައެއް އެހެން ބޭފުޅުން ޒަޚަމްވެފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، މިކަމުގައި އިންޑިޔާގެ ފަރާތުން އެއްވެސް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެވެންއޮތްތޯ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ. އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމާ ގުޅިގެން، އިންޑިޔާގެ ފަންނީ ތަޖުރިބާކާރުން ވަގުތުން ރާއްޖެއަށް ފޮނުއްވިކަން ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އިންޑިޔާއިން ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސަރުކާރަށް އިންޑިޔާއިން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި، ބައިނަލްއަޤްވާމީ މައިދާނުގައިވެސް، މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައިވެސް އިންޑިޔާއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ދެކުނު އޭޝިޔާ ސަރަޙައްދަކީ އަމާން، ރައްކާތެރި ސަރަޙައްދަކަށް ހެދުމަށްޓަކައި އިންޑިޔާއިން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލަ ޙައްލުކުރަމަށް ހުރިހާ ޤައުމުތަކުން އެކުގައި ތެދުވެ، ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު މުޙަންމަދާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.