ވިޔަފާރި

ބީއެމްއެލްގެ ބާޒާރު ބްރާންޗް އަދި އެއަރޕޯޓް ބްރާންޗް ބަންދުކުރަނީ


ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗް އަދި އެއަރޕޯޓް ބްރާންޗް މިމަހުގެ 22 އިން ފެށިގެން ބަންދުކުރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މި 2 ބްރާންޗް ބަންދުކުރުމަށް ނިންމީ ކޯވިޑް19 ގެ ސަބަބުން އެ ބޭންކުގެ ގިނަ ޙިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވުމާއެކު، ޙިދުމަތްތަކަށް ވަކިން ޙާއްސަ ބްރާންޗްތައް ކަނޑައެޅިފައި ހުރުމުގެ ސަބަބުންކަމަށެވެ.

ބީއެމްއެލްގެ ބާޒާރު ބްރާންޗް އަދި އެއަރޕޯޓް ބްރާންޗް ބަންދުކުރިނަމަވެސް، އެތަންތަނުގައި ހުރި އޭޓީއެމްގެ ޙިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި އެއަރޕޯޓްގައި މަނީ އެކްސްޗޭންޖްގެ ޙިދުމަތް ކުރިއެކޭ އެއްގޮތަށް ފޯރުކޮށްދޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޯވިޑް19 ގެ ހާލަތާއި ގުޅިގެން ބީއެމްއެލްއިލް ވަނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ބޭންކުން ފޯރުކޮށްދޭ ޙިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަދީފައެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 64 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 127 އޭޓީއެމް ބަހައްޓައި ބީއެމްއެލްއިން އަންނަނީ ރައްޔިތުންނަށް ޙިދުމަތް ފޯރުކޮށްދެމުންނެވެ.