ޚަބަރު

ހިތަދޫ ޕޯޓްގެ ކުރީގެ އެސިސްޓަންޓް އެމްޑީގެ މައްޗަށް ދައުވާކުރަން ފޮނުވައިފި


އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ދަޢުވާކުރަން އޭސީސީން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މުޙައްމަދު ރަޝީދުގެ މައްޗަށް ދަޢުވާކުރަން ނިންމާ، އޭސީސީން ނެރުނު ބަޔާނުގައި ވަނީ، މިމައްސަލައަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މުޙައްމަދު ރަޝީދު، އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް އަދި ޗުއްޓީއެއް ނެގުމަކާނުލައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ މައްސަލައެއްކަމަށެވެ.

އޭސީސީން ވިދާޅުވީ، މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި، 2018 ވަނަ އަހަރުގެ ޖޫން 19 ވަނަ ދުވަހު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު، އެ ކުންފުނީގެ އެސިސްޓެންޓް އެޗް.އާރް މެނޭޖަރއަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ބޭނުމަކަށްކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދިފައިވުން ހިމެނެއެވެ. އަދި 2018 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބިއިރު، އެމުވައްޒަފުން އޮފީހަށް ޙާޟިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި، އެލަވަންސް ދީފައިވާކަން ސާބިތުވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒްއަކީ، ރިލީޒްދިނުމުގައި ޢަމަލުކުރަމުންދާގޮތާ ޚިލާފަށް ދީފައިވާ ރިލީޒްއެއްކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ. އެގޮތުން، އެ ދުވަސްވަރު ރިލީޒްދީފައިވާ މުވައްޒަފުން އޮފީހަށް ޙާޟިރުނުވި ނަމަވެސް، އެފަރާތްތަކުން އޮފީހަށް ޙާޟިރުވިކަމަށް ދެއްކުމަށްޓަކައި، އެޓެންޑެންސް ސިސްޓަމަށް ބަދަލުގެނައުމަށް، މުޙައްމަދު ރަޝީދު، އެ ކުންފުނީގެ އައި.ޓީ މުވައްޒަފުންނަށް އަންގާފައިވާކަން، ތަޙްގީގަށް ފާހަގަކުރެވިފައިވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

އެހެންކަމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، މުޙައްމަދު ރަޝީދުވެސް ހިމެނޭގޮތަށް ރިލީޒްދީފައިވަނީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށްކަމަށް ތަހުގީގަށް އެނގޭކަމަށްވެސް އޭސީސީން ވިދާޅުވެއެވެ. މިއީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށްވާތީއާއި، އޭނާގެ އެޢަމަލަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނުގައި ބުނާފަދަ ކުށެއްކަމަށްވާތީ، އޭނާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.