ޚަބަރު

ވެސްޓް ބްރޯމް މެޗު އެއްވަރުވެ ގާޑިއޯލާ ރުޅިގަދަ ވެއްޖެ


ވެސްޓް ބްރޯމް މެޗް އެއްވަރުވުމާއި ގުޅިގެން މެންޗެންސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ރުޅިގަދަވެއްޖެ.

އިގްލިޝް ޕްރިމިއަރ ލީގްގައި ރޭ ވެސްޓް ބްރޯމްއާއި ވާދަކުރި މެޗް ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގައި ވެސްޓް ބްރޯމްގެ ގޯލް ކީޕަރު ސޭމް ޖޯންސްޓޯން ވަނީ މެޗްގެ އިތުރު ވަގުތުގައި ސިޓީގެ ހުސް ދެ ފުރުސަތެއް ސޭވްކޮށްފައެވެ. މިމެޗް އެއްވަރުވުމައި ގުޅިގެން މިވަގުތު ސީޓީ އޮތީ ޕްރިމިއަރ ލީގް ތާވަލްގެ 6ވަނާގައިއެވެ. ލީގް ތާވަލްގެ އެއްވަނާގައިވާ ޓޮޓްހެންހަމްއަށް އާއި ސިޓީގެ މެދުގައި ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މެޗް އެއްވަރުވުމާއި ގުޅިގެން ހިންހަމަނުޖެހުން ފާޅުކުރަމުން ސިޓީގެ ކޯޗް ގާޑިއޯލާބުނީ ދިގު ސީޒަންއެއްގައި މިފަދަ މެޗްތަކުން 3 ޕޮއިންޓް ހޯދަންޖެހޭކަމަށާއި މިފަދަ ގޯސްތައް ތަކުރާރު ކޮށްގެން ނުވާނެކަމަށެވެ. މުޅި މެޗްކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން، ގިނަ ހަމަލާތައްވެސް އުފައްދާފައިވަނީ ސިޓީއިންކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސީޓީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓާލިންގެ އެހީތެރިކަމާއެކު ގުންޑުގާންއެވެ. ވެސްޓް ބްރޯމްއިން ޖެހި ލަނޑަކީ ސިޓީގެ ރުބިން ޑިއާސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ސިޓީގެ އަމިއްލަ ދަނޑުގައި މީގެކުރިން ވެސްޓް ބްރޯމް ކުޅުނު 9 މެޗުންވެސް އެޓީމްވަނީ ބަލިވެފައެވެ.

ގާޑިއޯލާ ބުނީ ޓީމްގެ ސްކޯރިން ރަގަނޅު ކުރަންޖެހޭކަމަށާއި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރިނަމަވެސް، ލަނޑު ނުޖެހޭނަމަ އޭގެ ބޭނުމެއް ނެތްކަމަށެވެ. ކިތަންމެ މޮޅަށް ކުޅުނަސް އެންމެ މުހިންމީ ނަތީޖާކަމަށާއި ތިން ޕޮއިންޓް ހޯދުން މުހިންމުކަމަށް ގާޑިއޯލާ ބުނިއެވެ. އަދި ކުރިއަށް ހުރި މެޗްތަކުން 3 ޕޮއިންޓް ހޯދަން ވަރަށް މަސައްކަތް ކުރާނެކަމަށްވެސް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފައެވެ.