ވިޔަފާރި

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގެ ގިނަ އެވޯޑްތަކެއް މިފަހަރުވެސް ރާއްޖެއަށް


ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށްގެން ދޭ އެންމެ ޝަރަފްވެރި ޓްރެވަލް އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާގެ ގިނަ އެވޯޑްތަކެއް މިފަހަރުވެސް ރާއްޖެއިން ހޯދައިފިއެވެ.

ވަރޗުއަލްކޮށް ބޭއްވި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ހަފްލާގައި މިސަރަޙައްދުގެ ޤައުމުތަކާ ވާދަކޮށް 19 އެވޯޑެއް ހޯދާފައެވެ.

ރާއްޖެ ހިމެނޭގޮތުން ދެކުނު އޭޝިޔާ ސަރަހައްދުގެ ފަސް ގައުމަކުން ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއަށް ވަނީ ވާދަކޮށްފައެވެ. އެއީ ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިޔާ، ނޭޕާލް، އަދި ބޫޓާންއެވެ.

މިއަހަރުގެ ސަޓާ އެވޯޑް ހަފްލާގައި ރާއްޖެއަށް ލިބުނު އެންމެ ފަހަގަކޮށްލެވޭ އެވޯޑަކީ ވިޒިޓަރސް ޗޮއިސްގެ "ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން" ގެ އެވޯޑެވެ. މި އެވޯޑް ރާއްޖެއަށް ލިބުނީ ބޫޓާން އިންޑިއާ ނޭޕާލް އަދި ސްރީލަންކާއާއި ވާދަކޮށްގެންނެވެ.

މިއެވޯޑްގެ އިތުރުންވެސް މިއަހަރުގެ ސަޓާ އެވޯޑް ހަފްލާގައި ރާއްޖޭގެ ރިސޯޓްތަކާއި ކުންފުނިތަކުން ވަނީ ގިނަ ކެޓަގަރީތަކަކުން ގޯލްޑް އެވޯޑްތައް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބެސްޓް ސީއެސްއާރު ޕްރޮގުރާމް – ބަންޔަން ޓްރީ ވައްބިންފަރު
  • ލީޑިންގ އެޑްވެންޗަރ ސަރވިސް ޕްރޮވައިޑަރ – ބެސްޓް ޑައިވްސް
  • ލީޑިންގ ބީޗް ރިސޯޓްސް – ސަން އެކުއާ އިރު ވެލި
  • ލީޑިންގ ބީޗް ވިލާ ހޮޓެލް / ރިސޯޓް – އަންގްސަނާ އިހުރު
  • ލީޑިންގ ޑެސްޓިނޭޝަން ޕްރޮމޯޓަރ – ރިސޯޓް ލައިފް ޓްރެވެލް
  • ލީޑިންގ ޑައިވް ސެންޓަރ ބްރޭންޑް – ޑައިވް އޯޝެނަސް
  • ލީޑިންގ ޑައިވް ރިސޯޓް – އަދާރަން ސެލެކްޓް މީދުއްޕަރު
  • ލީޑިންގ އެކޯ ފްރެންޑްލީ ރިސޯޓް – ސޮނެވާ ފުށި
  • ލީޑިންގ ގެސްޓްހައުސް – ރިވެރީސް ޑައިވިންގ ވިލެޖް
  • ލީޑިންގ ލިވަބޯޑް ބްރޭންޑް – ވޮޔޭޖަސް މޯލްޑިވްސް
  • ލީޑިންގ ޕީއެސްއޭ އަދި ލީޑިންގ ޓްރެވެލް އެޖެންޓް އައުޓްބައުންޑް – އޭސް ޓްރެވެލް މޯލްޑިވްސް
  • ލީޑިންގ ސްޕަވިޝަން އެޖެންޓް – އޭވިއާ މޯލްޑިވްސް
  • ލީޑިންގ ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ (އެއްގަމު އަދި ކަނޑުމަގު) – ކޭސަންސް ރެންޓް އަ ކާރ
  • ލީޑިންގް ވެލްނަސް އެންޑް ސްޕާ ބްރޭންޑް – އަރާމު ސްޕާ
  • މޮސްޓް ރޮމޭންޓިކް ރިސޯޓް – ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް
  • ލީޑިންގ ޖީއެސްއޭ – އޭސް އޭވިއޭޝަން ސަރވިސް މޯލްޑިވްސް
  • ލީޑިންގ ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ (ކަނޑުމަގު) – މޯލްޑިވިއަން
  • ސައުތު އޭޝިއަން ބެސްޓް ނިއު ހޮޓެލް / ރިސޯޓް – ހެރިޓެންސް އާރަށް

މިފަހަރުގެ ސަޓާ އެވޯޑަށް 52 ކެޓަގަރީ އަކުން 1000 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިވެންޓް އިންތިޒާމްކުރާ ހައިރައިޒުން ބުނެއެވެ. މި އެވޯޑުތަކަށް ކުރިމަތިލާ ފަރާތްތައް ހޮވާނީ، ބައިނަލްއަޤްވާމީ މާހިރުންގެ ޕެނަލަކުންނެވެ. އެގޮތުން ޖަޖުންގެ ޕެނަލުގެ 60 އިންސައްތަ މާކްސް އެވޯޑުތަކަށް ދޭއިރު، ބާކީ 40 އިންސައްތަ މާކްސް ދޭނީ، އޮންލައިން ވޯޓުން އަދި ތަނުގެ ހިންގުންތެރިކަން ވަޒަން ކުރުމަށްފަހުއެވެ.

އެއް ފަރާތަކަށް މި އެވޯޑަށް ކުރިމަތިލެވޭނީ އެންމެ ގިނަ ވެގެން 3 ކެޓެގަރީ އަކުންނެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އެވޯޑަށް މާކްސް ދިނުމަށް އެ ސަރަހައްދުތަކަށް ދަތުރު ކުރުމަށް ރޭވިފައި އޮތް ނަމަވެސް، ހާލަތަށް ބަލައި މި ފަހަރު މާކްސް ދިނުމުގެ ކަންކަން ރާވާފައިވަނީ، އޮންލައިންކޮށެވެ. އެވޯޑަށް މާކްސް ދިނުމުގެ ކަންކަން މިދިޔަ ނޮވެމްބަރުމަހު ތެރޭގައި ވަނީ ނިންމާލާފައެވެ.

އޭޝިއާގެ ގައުމުތަކުގެ ރިސޯޓުތަކާއި ހޮޓާތަކަށް އެކި ބައިތަކުން އެވޯޑް ދިނުމަށް ކޮންމެ އަހަރަކު ބާއްވާ އެވޯޑް ހަފްލާއެކެވެ. މިއީ ސަޓާ އެވޯޑް ބޭއްވި 5 ވަނަ ފަހަރެވެ.