ޚަބަރު

އަންނަ އަހަރު ޖަލުތަކުގައި އޯލެވެލް ހިސާބާއި އިނގިރޭސި ފަށަނީ


އަންނަ އަހަރުން ފެށިގެން މާފުށީ ޖަލުގައި އިނގިރޭސިއާއި، ހިސާބު މާއްދާއިން އޯ ލެވެލް އިމްތިހާން ހެދުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ކަރަކްޝަނަލް ސަރވިސްއިން ބުނެފިއެވެ. މީގެ އިތުރުން އިއްޔެ ބޭއްވި އެސް.އެސް.ސީ އިމްތިހާނުގެ އިސްލާމް މާއްދާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ސޯޅަ ގައިދީން ބައިވެރިވެފައިވެ، އިމްތިހާން ހަދާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މާފުށީ ޖަލުގައި އޯ ލެވެލް އިމްތިހާން ފެށިގެން ދިއުމަކީ އަނބުރާ މުޖުތަމައަށް ނިކުންނަ ގައިދީންގެ ތައުލީމީ ފެންވަރު މަތިކޮށް، މުޖުތަމައު ބަލައިގަންނަ ބަޔަކަށް އެ ފަރާތްތައް ހެދުން ކަމަށް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތުދެއެވެ. އެގޮތުން އިއްޔެ ބޭއްވި އެސް.އެސް.ސީ އިމްތިހާނުގެ އިސްލާމް މާއްދާގައި ސްކޫލް ދަރިވަރުންނެކޭ އެއްވަގުތެއްގައި ޖަލުގެ ސޯޅަ ގައިދީން ވަނީ އިމްތިހާން ހަދާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 11 ފިރިހެން ގައިދީންނާއި، 6 އަންހެން ގައިދީންނެވެ. މި އިމްތިހާނުގައި ބައިވެރިވި 16 ގައިދީންނަށް ކިޔަވައިދީ ޓެސްޓަށް ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ގުޅިގެން އިންސްޓިޓިއުޓް އޮފް ހޮލީ ޤްރުއާން އެންޑް ސުންނާގެ ފަރާތުންނެވެ. މިއަހަރުގެ އިމްތިހާނުގައި އިސްލާމް މާއްދާގައި އެކަނި ބައިވެރިވި ކަމުގައި ވީނަމަވެސް އަންނަ އަހަރުންފެށިގެން އެސް.އެސް.ސީ އިމްތިހާނުގެ  ދިވެއްސާއި، އައި.ޖީ.ސީ.އެސް.އީގެ ހިސާބާއި،  އިނގިރޭސި މާއްދާގައި ބައިވެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތުދެއެވެ. ގައިދީންނަށް "އޯ ލެވެލް" ފެންވަރު ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓަކީ، އޭޝިޔާ ފައުންޑޭޝަނާއި، ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ކަމުގެ ސަބަބުން ހުކުމް ތަންފީޒު ކުރުމަށްފަހު އަނބުރާ މުޖުތަމައަށް ނިކުންނަ ފަރާތްތަކަކީ ގާބިލް ބަޔަކަށް ވާނެ ކަމަށާއި، ވަޒީފާ ހޯދުންފަދަ ކަންކަމުގައި ފަސޭހަވެގެންދާނެ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ. އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، ގައިދީންވެސް އިމްތިހާންތަކަށް ތައްޔާރުވާން  ފަށާނެ ކަމަށް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތުދެއެވެ.