މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހަދާ ނިމޭއިރު ލޯފަން މީހުންނަށް ފަސޭހައިން ހިނގާބިގާވެ އުޅެވޭނެހެން ބްރައިލް ބްލޮކްސް ހަރުކުރެވިގެންދާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސީނިއަރ މެނޭޖަރ އިސްމާޢީލް މިއުރާޖް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގައި ދަތިތަކެއް ކުރިމަތިވީނަމަވެސް އާރްޑީސީން މަސައްކަތް ދޫކޮށްލާއިރު މާލޭގެ މަގުތަކަކީ ޢާއްމުންނަށް ހުރިހާ ގޮތަކުންވެސް ފަސޭހަ ތަނަކަށް ވެގެންދާނެކަމަށެވެ. އެގޮތުން މަސައްކަތް ޒަމާނީ ފެންވަރަށް ހަދާނިމޭއިރު މާލޭގެ މަގުތަކުގައި ލޯފަން މީހުންނަށްވެސް ފަސޭހަކަމާއެކު އުޅެލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މަސައްކަތް ނިމޭއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ މަގުތަކުގައި ހުންނަ ގޮތަށް ބްރައިލް ބޮލްކްސް ހަރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ބްރައިލް ބްލޮކްސްއަކީ ލޯފަން މީހުންނަށް ޚާއްސަކޮށް ފަރުމާކޮށްފަ މަގުމަތީގެ ހުންނަ ނިޝާންތަކެކެވެ.
" އެންމެ ބޮޑު ފޯކަސްއަކީ މަގުތަކުގައި ދަތިކަމެއްނެތި ހިނގޭނެ ގޮތް ހެދުން. ހަމައެއާއެކު މަގުތައް ބޭނުންކުރާ ލޯފަން މީހުންނަށް ޚާއްސަކޮށް ބްރައިލް ބްލޮކްސް ނިޝާން މަގުތަކުގައި ހަރުކުރާ ގޮތަށް މަގުތައް ޑިޒައިންކޮށްފައިވަނީ."އިސްމާޢީލް މިއުރާޖް ވިދާޅުވިއެވެ.
މާލޭގެ މަގުތަކަކީ ޢާއްމުކޮށް އެކި ބޭނުންތަކަށް އަބަދުވެސް ކޮންނަމުން އަންނަ މަގުތަކެވެ. އެގޮތުން މުވާސަލާތީ ނެޓްވޯކްގެ މަސައްކަތްތަކަށާއި ކަރަންޓުގެ ވިއުގައިގެ މަސައްކަތުގެ އިތުރުން ފެނާއި ނަރުދަމާގެ އެކި މަސައްކަތްތަކާއި ޑީވޯޓަރިންގެ ކަންކަމުގައިވެސް ކޮންނަންޖެހެއެވެ. މަގު ހެދުމުގެ މަސައްކަތް މީގެ ކުރިން އެކިފަހަރުމަތިން ކޮށްފައިވީނަމަވެސް މިކަމަށްވެސް ޙައްލެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް މިފަހަރު އާރްޑީސީން ޑިޒައިންކޮށްފައިވާ ގޮތުން މިމައްސަލަވެސް ޙައްލުވެގެންދާނެކަމަށް އެކުފުނިން ވިދާޅުވެއެވެ.
މިހާރު ކުރިއަށް ގެންދާ މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް ހަދާމަގުތައް ހަދާނީ ހަތަރު ޑިޒައިނަކަށެވެ. އެއީ އާރޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އާއި ނެއިބަރ ހުޑް ޕެޑެސްޓްރިއަން ރޯޑްގެ ޑިޒައިންތަކަށެވެ.
މާލޭގެ މަގުތައް ހެދުމަށް މިއަހަރުގެ ޖެނުއަރީމަހު އާރްޑީސީއާ ޙަވާލުކޮށްފައިވާއިރު އެންމެ ފުރަތަމަ އެކުންފުނިން ހަދަން ފަށާފައިވަނީ ކަނބާއައިސާރަނިހިނގުން ހިމެނޭ ސަރަޙައްދުގައެވެ. މިހާރު ފުރަތަމަފިޔަވަހީގެ ދަށުން ކުރަމުން އަންނަ މަސައްކަތުގައި އެސަރަޙައްދުގެ ބޭރުމަގުވަނީ ހަދާނިމިފައެވެ.