ވިޔަފާރި

އިންޝުއަރެންސް ޕެކޭޖްތަކުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ: ޓުއަރިޒަމް މިނިސްޓަރ


ރާއްޖޭގައި ތަޢާރަފްކޮށްފައިވާ ކޯވިޑް އިންޝުއަރެންސްގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ، ކޯވިޑްގެ ޙާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ސަބަބާއި ގުޅޭގޮތުން އެމެރިކާގެ ޓީވީ ޗެނަލެއްކަމަށްވާ ސީއެންބީސީ އިންޓަނޭޝަނަލްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ކޯވިޑް-19އިން ދަސްވި އެކައްޗަކީ، އާންމު ފަތުރުވެރިކަމުގެ އިންޝުއަރެންސް ސްކީމުތައް މި ފަދަ ހާލަތެއްގައި މަސައްކަތް ނުކުރާނެކަމަށާއި، އެހެންކަމުން ފަތުރުވެރިންނަށް ޚާއްސަ އިންޝުއަރެންސް ސްކީމްތަކެއް ތަޢާރަފް ކުރެވުނުކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، މި ބަލިމަޑު ކަމުން ދަސްވި އެކައްޗަކީ، އާންމު ޓްރެވެލް އިންޝުއަރެންސް މި ދަނޑިވަޅުގައި މަސައްކަތް ނުކުރާ ކަމަށް. އަޅުގަނޑުމެން އަމިއްލަ ކޯވިޑް އިންޝުއަރެންސް އެއް ތައާރަފް ކުރީން. އެކަން މި ސިނާޢަތް ކޮޅަށް ޖެހުމަށް ވަރަށް ބޮޑަށް އެހީތެރިވެދިން. މީގެ އިތުރުން ވަރަށް ގިނަ ތަންތަނަށް މަލީ ގޮތުން އެހީތެރިވެދިނިން. އަދި ވަރަށް ގިނަ ވަޒީފާ އަދާ ކުރަމުންދިޔަ ދިވެހިންނަށް، މި ހާލަތުގައި އިންކަމް ސަޕޯޓުވެސް ދެވެނު. އަޅުގަނޑުމެން ބަނދު ކުރީ 3 މަހަށް ނަމަވެސް ފަތުރުވެރިން ރަނގަޅަށް އަންނަން ފެށީ އޮކްޓޯބަރުމަހު" މައުސޫމް ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރުމަހު ރާއްޖެއިން ވަނީ ފަތުރުވެރިންނަށް ހާއްސަކޮށްގެން އެލައިޑް އިންބައުންޑް ނަމުގައި ކޯވިޑް އަށް ހާއްސަ އިންޝުއަރެންސް ޕްލޭނެއް ތަޢާރަފް ކޮށްފައެވެ. މިއީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ނުވަތަ އެހެނިހެން ބޭނުންތަކަށްވެސް ރާއްޖެ ޒިޔާރަތްކުރާ ފަރާތެއް ކޯވިޑްއަށް ފައްސިވުމުން އެކަހެރިކުރުމަށާއި ބައްޔާއި ގުޅުންހުރި ކަންކަމަށް ހަރަދުވާ ފައިސާ ކަވަރުކުރާ ޕްލޭނެކެވެ.

ސީއެންބީސީއަށް ދެއްވި ބަސްތީގަތުމުގައި ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމަށްފަހު 5 މަސް ވެގެންދިޔައިރު، މަޑުމަޑުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާކަމަށެވެ. އަދި މިހާތަނަށް 100000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިހާރު ކުރިއަށްދާ ގޮތުން ކުރިއަށް އޮތްތާނގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެކަމަށެވެ.

ރާއްޖެއަށް އަންނަމުންދާ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހަފްތާގެ ހޯމަ ދަވަހުގެ ނިޔަލަށް ރާއްޖެއަށް 110056 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެ އަށް 100،000 ފަތުރުވެރިން އައުމަކީ ސަރުކާރުން އަހަރު ނިމުމުގެ ކުރީން ކާމިޔާބު ކުރަން އަމާޒު ހިފި ލަނޑުދަނޑިއެކެވެ. ސަރުކާރުން ދެން އަމާޒު ހިފާފައިވަނީ މިއަހަރު މުޅި ޖުމްލަ 500000 ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.