ޚަބަރު

ޑިސެމްބަރުމަހު އައްޑޫގެ ގޭގެއަށް ފެނުގެ ޚިދުމަތް ލިބޭނެ - ފެނަކަ


އައްޑޫ ސިޓީގެ
ގޭގެއަށް ސާފު ބޯފެން ފޯރުކޮށް ދިނުމުގެ މަޝްރޫޢު މި އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމާ  ގޭގެއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، މިހާރު
ހުޅުމީދޫގެ ގޭގެއަށް ފެންހޮޅި ގުޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި
މަސައްކަތުގެ ދަށުން ގޭގެއަށް ފެންހޮޅި ގުޅައި މީޓަރު ބެހެއްޓުމު ގެ މަސައްކަތް
މިހާރު ދަނީ ހުޅުދޫގައި ކުރަމުންދެއެވެ.  

ނިމާލް ވިދާޅުވީ އައްޑޫ ސިޓީގެ ގޭގެއަށް ފެންހޮޅި ގުޅާދިނުމުގެ މަސައްކަތް ކުރަމުންދަނީ ފެންހޮޅި ލުމަށް އެދޭ ގޭގެއަށް ކަމަށެވެ. އެގޮތުން ހުޅުދޫގެ ހަސަތޭކަ ގޭބިސީ އާއި ފޭދޫގެ ބާރަ ސަތޭކަ ގޭބިސީ އަށް ފެން ހޮޅި ގުޅައި ޑިސެމްބަރު މަހު ޚިދުމަތް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

 މީގެ އިތުރުން މިހާރު މަރަދޫފޭދޫގައި ފެން ގުޅައިދިނުމަށްޓަކައި ކޯރު ކޮނެ
ހޮޅިވަޅުލުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެރަށުގެވެސް
އާބާދީއަށް ބަލައި މަސައްކަތް މިހާރު ފަށައިގެން ޑިސެމްބަރާއި ހަމައަށް
ނިމޭނެކަމަށް ނިމާލް ވިދާޅުވިއެވެ.

 ސަރުކާރުން އައްޑޫގެ ފެނުގެ ނިޒާމް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވި ދަތުރުގައި މިދިޔަ އަހަރުގެ ޑިސެމްބަރ 28 ގައެވެ. 

އައްޑޫ ސިޓީގެ ފެނުގެ ނިޒާމްގެ މަޝްރޫޢުއަށް  36  މިލިއަން ރުފިޔާ  ޚަރަދުވާނެއެވެ. 

 މި މަސައްކަތް މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް  ނިންމުމަށް  ހަމަޖެހިފައިވާއިރު  މަޝްރޫޢުއަށް  ފައިސާ  ޚަރަދު  ކުރަނީ  ސަރުކާރުގެ 

ބަޖެޓުންނާއި  އޯޕެކްގެ  ލޯނު  އެހީގައެވެ.