ޚަބަރު

ސަފާރީ ކޭސް: 3 މީހެއްގެ މައްޗަށް ދަޢުވާކުރަނީ


ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ދައުވާކުރުމަށް އެދި ޕީޖީއަށް ފޮލުހުން ފޮނުވި މައްސަލަ މިއަދު ބަލައިގެންފައިވާކަމަށާއި، އެމައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ނިންމާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލާގައި ޕީޖީން ފުރިހަމަކުރަން އެދުނު ކަންކަން ފުރިހަމަކުރުމަށްފަހު ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ ކުރީކޮޅުކަމަށެވެ.

ހުޅުމާލެ ކައިރީގައި އަޅާފައިއޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާއި ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި 2 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ 2 މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ މިފަދަ އެހެން މައްސަލަތަކުގައިވެސް ޢަމަލުކުރާގޮތަށް އެވަގުތަށް ލިބިފައިހުރި ހެކިތަކާއި ބެލިބެލުމުން އެމީހުން ދޫކޮށްލައިގެން މައްސަލައިގެ ތަހުގީގަށް އިތުރަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވިގެންކަމަށެވެ. މި މައްސަލައިގެ ތަޙްޤީޤަށް ހެކި ނަގާފައިވާކަމަށާއި 11 މީހެއްގެ ބަޔާން ނަގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ހުށައަޅާފައިވާ މައްސަލައިގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ފުލުހުންނަށް ކުރިމަތިވެފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.