ވިޔަފާރި

5 ލައްކަވަނަ ފަތުރުވެރިޔާ މިމަހު 19 ވަނަ ދުވަހު އަންނާނެކަމަށް ލަފާކޮށްފި


މިއަހަރު ރާއްޖެ ޒިޔާރަތްކުރާ 5 ލައްކަވަނަ ފަތުރުވެރިޔާ މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރާ 5 ލައްކަވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ލަފާކުރީ މިމަހުގެ 25 ވަނަ ދުވަހުގެ ކުރިންނެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ، ދުވާލެއްގެ މައްޗަށް މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމުގެ އެއް ހެއްކަކީ ޓޫރިޒަމް މިނިސްޓްރީން ރާއްޖެ އަންނާނެކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދު ހާސިލްވާނެކަމަށް ބަލާ ދުވަހަށްވުރެ ކުރިން އެ އަދަދުތައް ހަމަވަމުން ދިއުމެވެ. ޓޫރިޒަމް މިނިސްޓްރީން ކުރިން ކަނޑައެޅީ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް 1 ލައްކަ ފަތުރުވެރިން އަންނާނެކަމަށެވެ. ނަމަވެސް އޭގެ 4 ދުވަސް ކުރިން ވަނީ މި އަމާޒަށް ވާސިލްވެވިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ލަފާކުރީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު މިމަހުގެ 25 ވަނަ ދުވަހު 5 ލައްކައަށް އަރާނެކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ، މި އަމާޒު ހާސިލްކުރެވޭނެ ދުވަސް މިހާރު އަވަސްވާނެކަމަށް ބެލެވޭކަމަށެވެ. އޭނާ ވިދާޅުވީ 5 ލައްކަ ވަނަ ފަތުރުވެރިޔާ އަންނާނެކަމަށް މިހާރު ބެލެވެނީ މިމަހުގެ 19 ވަނަ ދުވަހުކަމަށެވެ.

"އަޅުގަނޑުމެން ބޯޑަރު ހުޅުވާލިއިރު އަމާޒުކުރެވިފައި ވަނީ މިއަހަރުގެ ނިޔަލަށް އެއްލައްކަ ފަތުރުވެރިން ރާއްޖެގެނައުމަށް. އަދި މުޅި އަހަރުގެ ތެރޭގައި 5 ލައްކައިގެ ޓާގެޓެއް. އަޅުގަނޑުމެންނަށް މިހާރު ފަތުރުވެރިން ދުވާލަކު އަންނަ ނިސްބަތަކަށް ބަލާލާއިރު 5 ލައްކަ ފަތުރުވެރިންގެ ޓާގެޓް ޙާޞިލުކުރެވޭނެ ކަމަށް މިބަލަނީ މިމަހުގެ 19 ވަނަ ދުވަހަށް." ރައްޒާން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 110056 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 14 ވަނަ ދުވަހުގެ ނިޔަލަށް 492903 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.