ޚަބަރު

ރާއްޖެއިން ނުހެދޭ ޓެސްޓްތައް ހެދުމަށް ބޭރަށް ސަމްޕަލް ފޮނުވުމުގެ ޚިދުމަތް އަލުން ފަށައިފި


ރާއްޖެއިން ބޭރަށް ފޮނުވައިގެން ހަދާ ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލް ފޮނުވުމުގެ ޚިދުމަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗްއިން އަލުން ފަށައިފިއެވެ.

އައިޖީއެމްއެޗްއިން މި ޚިދުމަތް މެދުކަނޑާލާފައިވަނީ ކޯވިޑާއި ގުޅިގެން، ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެންނެވެ.

އައިޖީއެމްއެޗްއިން ބުނީ މިއަދުން ފެށިގެން އަނެއްކާވެސް އެ ޚިދުމަތް ފަށާފައިވާއިރު، މިވަގުތަށް ފޮނުވޭނީ ވަކި ކޮންޑިޝަންތަކުގެ ސާމްޕަލްކަމަށެވެ. އަދި ޚިދުމަތް އަލުން ފަށާފައިވަނީ ގިނަ ބަލި މީހުންތަކެއް މިކަމަށް އެދެމުންދާތީކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖެއިން ބޭރަށް ފޮނުވައިގެން ހަދަންޖެހޭ ލެބޯޓްރީ ޓެސްޓްތައް ތަޙުލީލުކުރުމަށް ރާއްޖެއިން ފޮނުވަނީ އިންޑިއާގެ އެސް.އާރް.އެލް ލެބޯޓްރީއަށެވެ. މިގޮތަށް ބޭރަށް ފޮނުވައިގެން ޓެސްޓް ހަދަނީ ރާއްޖޭގައި އާއްމު ނޫން، ރާއްޖެއިން ޚިދުމަތް ނުލިބޭ ބާވަތްތަކުގެ ޓެސްޓުތައް ހެދުމަށެވެ. ރާއްޖެއިން ބޭރަށް ޓެސްޓު ހެދުމަށް ފޮނުވަނީ ފްރޯޒަން، ކޯލްޑް އަދި އެމްބިއަންޓް ސާމްޕަލްއެވެ. ނަމަވެސް ފްރޯޒަން ސާމްޕަލް ފޮނުވުމުގެ ހުއްދަ ނުލިބޭތީ މިވަގުތު ފްރޯޒަން ސާމްޕަލް ނުފޮނުވޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗްއިން ބުނީ ޓެސްޓު ސާމްޕަލް ފޮނުވަނީ ހަފްތާއަކު އެއްދުވަހުކަމަށާއި އެގޮތުން ކޮންމެ ހަފްތާއެއްގެ އަންގާރައާއި ބުދަ ދުވަހު ސާމްޕަލް ނެގުން ކުރިއަށްދާނެކަމަށެވެ. އައިޖީއެމްއެޗްގައި ސާމްޕަލް ނެގުން ކުރިއަށްދާނީ އަންގާރަދުވަހު ހެނދުނު 9:00 އިން މެންދުރު 2:00 އަށް އަދި ބުދަ ދުވަހު ހެނދުނު 8:00 އިން 9:00 އަށްކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ކޯވިޑްގެ ޙާލަތުގެ ކުރިން އެވަރެޖްކޮށް ދުވާލަކު 20 އާއި، 40 އާއި ދެމެދުގެ ސާމްޕަލް ޓެސްޓްކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވައެވެ.