ދުނިޔެ

ޙާލަތު ގޯސްވެ ލަންޑަނުގައި އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް


ކޯވިޑް-19ގެ ސަބަބުން ޙާލަތު ގޯސްވާތީ އިނގިރޭސިވިލާތުގެ ލަންޑަންގައި އަނެއްކާވެސް ސަމާލުގެ މިންވަރު އިތުރުކޮށް އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 1.8 މިލިއަން މީހުންނަށް ކޯވިޑް ޖެހި 64.170 މީހުންވަނީ މަރުވެފައެވެ. ވެރިރަށް ލަންޑަންގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. މިދިޔަ ހަފުތާގައި ޝާޢިއުކޮށްފައިވާ މަޢުލޫމާތުން ދައްކާގޮތުގައި ލަންޑަންގައި ކޮންމެ 100،000 މީހުންގެ ތެރެއިން 191.8 މީހުންނަށްދަނީ ބަލިޖެހެމުންނެވެ.

މި މަހުގެ ކުރީކޮޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ އެޤައުމުގެ އެކި ސަރަޙައްދުތަކުގެ ޙާލަތު ވަޒަންކުރުމަށް ތިން މަރުހަލާއަކަށް ބަހާލާފައިވާ ނިޒާމެއް ޤާއިމްކޮށްފައެވެ. އެގޮތުން އެ ތިން މަރުހަލާގައި އަޅާ ފިޔަވަޅުތައްވެސް ތަފާތުވާނެއެވެ.

އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން 40 އިންސައްތަ މީހުންވަނީ އެންމެ ނުރައްކާ ބޮޑު ކެޓެގަރީގައި ހިމަނާފައެވެ. ނަމަވެސް ނުވަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންޑަން ހިމެނީ ދެވަނަ ކެޓަގަރީގައެވެ. ނަމަވެސް އެންމެ ނުރައްކާ ބޮޑު ކެޓެގަރީގައި މާދަމާއިން ފެށިގެން ލަންޑަން ހިމެނުމަށް އެ ޤައުމުގެ ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ ފާއިތުވި ހަފުތާގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި އެއް ސިޓީކަމުގައިވާ ލަންޑަނާއި ކައިރި ކައުންޓީތަކުގައި ވަރަށް ހަލުވިކަމާއިއެކު ބަލި ފެތުރެމުންދާކަމަށެވެ. އެ ސަރަޙައްދުތަކުގައި ފެތުރެމުންދަނީ ބަލި ޖައްސާ ވައިރަހުގެ ތަފާތު ވައްތަރެއްކަމަށާއި، ވައިރަސް ފެތުރިފައިވާ މިންވަރު ބުނަން ނޭނގޭކަމަށް ހެންކޮކް ވިދާޅުވިއެވެ.

ބަލި ފެތުރޭ މިންވަރު އިތުރުވުމަށް މެދުވެރިވި ސަބަބު ނޭނގުނު ނަމަވެސް ބަލި ފެތުރުން ހުއްޓުވުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ލަންޑަނާއި ބައެއް ކައިރި ސަރަޙައްދުތަކުގެ ސަމާލުގެ މިންވަރު އެންމެ މަތިކުރުމަށް ނިންމާފައިވާކަން އޭނާ އިޢުލާނުކުރެއްވިއެވެ.

އިނގިރޭސިވިލާތުގައި ޤާއިމްކޮށްފައިވާ ބަލީގެ ނުރައްކާގެ މިންވަރު ވަޒަންކުރާ ނިޒާމުގެ މަރުހަލާތަކުގެ މެދުގައި އޮތް އެންމެ ބޮޑު ތަފާތަކީ ފުރަތަމަ އަދި ދެވަނަ ކެޓެގަރީގައި ހިމެނޭ ސަރަޙައްދުތަކުގެ ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓުމުގެ ޙުއްދަ އޮތުމެވެ. ނަމަވެސް ތިންވަނަ ކެޓެގަރީގައި ހިމެނޭ ރެސްޓޯރަންޓުތަކާއި ކެފޭތައް ބަންދުކުރަން ޖެހެއެވެ. އެ ތަންތަނަށް ހަމައެކަނި ދެވޭނީ ޓޭކްއަވޭގެ ޚިދުމަތެވެ. އޭގެ އިތުރުން އެއްވެ އުޅުމާއި މީހުންނާއި ބައްދަލުކުރުމުގައި ލިބިދޭ ލުއިތައް އިތުރަށް ހަރުކަށިކުރާނެއެވެ. ނަމަވެސް މަދަރުސާތަކާއި އިދާރާތައް ބަންދެއް ނުކުރާނެއެވެ.