ވިޔަފާރި

އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގެ މައުލޫމާތު މިމަހުގެ ކުރިން ހުށައެޅުމަށް އެދިއްޖެ


ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގެ މައުލޫމާތު މިމަހުގެ ކުރިން ހުށައެޅުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.

ބިޑް ކޮމެޓީތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީއަށް އެންގުމަށް އެދިފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ދަށުން ބިޑް ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ މައުލޫމާތު އަދާހަމަކުރުމުގެ ގޮތުންނެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ބަނޑޭރި ޕޯޓަލް ބޭނުންކުރާ ހުރިހާ އޮފީސްތަކުން ބިޑް ކޮމިޓީގެ މެންބަރުންގެ މައުލޫމާތު ހުށައަޅަންޖެހޭނީ އެ ޕޯޓަލް މެދުވެރިކޮށްކަމަށެވެ. ނަމަވެސް ބަނޑޭރި ޕޯޓަލް ބޭނުންނުކުރާ އޮފީސްތަކުން "ބިޑް ކޮމިޓީ މެންބަރުންގެ ދަފުތަރު ޝީޓް" ފުރިހަމަކޮށް އެ މިނިސްޓްރީއަށް ފޮނުވުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޕްރޮކިއުމަންޓްގެ މަސައްކަތުގައި އުޅޭ އެންމެހައި މުވައްޒަފުންނަށް ޙާއްސަކޮށްގެން ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގައި "ގަވަރމަންޓް ޕްރޮކިއުމަންޓް ޕްރޮފެޝަނަލްސް ނެޓްވަރކް" ގެ ނަމުގައި ނޮލެޖް ޕޯޓަލްއެއް ވަނީ ޤާއިމްކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ޕްރޮކިއުމަންޓް މަސައްކަތްތަކުގައި އުޅޭ އެންމެހާ މުވައްޒަފުންނަށް މައުލޫމާތު ބަދަލުކޮށް، މަސައްކަތާއި ގުޅިގެން އުފެދޭ ސުވާލުތައްކޮށް އެފަދަ ސުވާލުތަކަށް ޖަވާބުލިބިގެންދާނެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ދައުލަތުގެ މާލިއްޔަތު ޤަވައިދުގެ ދަށުން 15 އިންސައްތައަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ދިނުމުގައާއި، އެއަފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެންނެތް މުދަލާއި ޙިދުމަތުގެ އަގު 35000 ރުފިޔާއަށްވުރެ ބޮޑުވާނަމަ ފައިސާ ދޫކުރުމުގެ ކުރިން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށައަޅައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހެއެވެ.