ކުޅިވަރު

ލިވަޕޫލްގެ ކުރީގެ ކޯޗު ޖެރާޑް ހޫލިއާ މަރުވެއްޖެ


ލިވަޕޫލާއި، ޕީއެސްޖީ އަދި ފްރާންސަށް ވެސް ކޯޗުކަން ކޮށްދިން ޖެރާޑް ހޫލިއާ އުމުރުން 73 އަހަރުގައި މަރުވެއްޖެއެވެ.

ހޫލިއާ އެންމެ ފުރަތަމަ ކޯޗުކަމާ ހަވާލުވި ޕީއެސްޖީއަށެވެ. 1986 ވަނަ ސީޒަނުގެ ލީގު ތަށި ހޯދައިދީ 1988 ވަނަ އަހަރު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމުގެ އެސިސްޓްންޓް ކޯޗުކަމާ ހަވާލުވެފައެވެ. އެއަށްފަހު އޭނާ ރަސްމީކޮށް ފްރާންސްގެ ކޯޗުކަމާ ހަވާލުވީ 1992 ގައެވެ. އެހެން ނަމަވެސް 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕުން ފްރާންސަށް ފުރުސަތު ގެއްލުމުން ހޫލިއާ ވަނީ ފްރާންސްގެ ކޯޗުގެ މަޤާމުން އިސްތިއުފާ ދީފައެވެ.

ޖެރާޑް ހޫލިއާ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލްގައެވެ. ލިވަޕޫލުގެ ކޯޗުކަމާ އޭނާ ހަވާލުވީ 1998 ގައެވެ. ލިވަޕޫލަށް ފަސް ތަށި ހޯދައިދިން ހޫލިއާ ވަނީ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނިފައެވެ. އެހެން ނަމަވެސް ހިތުގެ މައްސަލައެއް ޖެހި ހާލު ދަށްވާން ފެށުމުން އޭނާ އޭރު ލިވަޕޫލް ދޫކޮށްލި ފަހުން ވަނީ ފްރާންސަށް އެނބުރި ގޮސް ލިޔޮންއަށް ޖެހި ޖެހިގެން ދެ ލީގު ތަށި ހޯދައިދީފައެވެ. އޭނާ ވަނީ ދާދިފަހުން ހިތުގެ ބޮޑު އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.