ޚަބަރު

ޖަރުމަނުވިލާތް އަނެއްކާވެސް ހަރުކަށި ފުރަބަންދަކަށް


ޑިސެމްބަރު މަހުގެ ޗުއްޓީއާއި ދިމާކޮށް ޖަރުމަނުވިލާތުގައި ހަރުކަށި ފުރަބަންދެއް ޤާއިމްކުރުމަށް ނިންމައިފިއެވެ. އެ ޤައުމުން އެގޮތަށް ނިންމާފައިވަނީ އެ ޤައުމުގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހި، އެ ބަލީގައި މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖަރުމަނުވިލާތުގައި މިހާތަނަށް 1.33 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 22،406 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 17،891 މީހުންނަށް ބަލި ޖެހި 235 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ.

ޖަރުމަނުވިލާތުގައި ފުރަބަންދުގެ އުސޫލުތައް ތަންފީޒުކުރާނީ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހުން ފެށިގެން ޖަނަވަރީ މަހުގެ 10ވަނަ ދުވަހާއިހަމައަށެވެ. ޖަރުމަނުވިލާތުގެ 16 ސްޓޭޓޫގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހު ޤައުމު ފުރަބަންދުކުރުމަށް ނިންނާފައިވާ ނިންމުން އިޢުލާނުކުރައްވަމުން އެ ޤައުމުގެ ޗާންސެލަރު އަންގެލާ މާކެލް ވިދާޅުވީ ބައްޔާއި ދެކޮޅަށް ފިޔަވަޅު އެޅުން ކޮންމެހެން މުހިންމުވެފައިވާކަމަށެވެ. ސަރުކާތުގެ ޒިންމާއަކީ ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވިޔަ ނުދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

ޖަރުމަނުވިލާތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން ތެރޭގައި ޑިސެމްބަރު މަހުގެ 16ވަނަ ދުވަހުން ފެށިގެން ކޮންމެހެން ބޭނުންވާ ސާމާނު ނޫން ތަކެތި ވިއްކާ ފިހާރަތައް ބަންދުކޮށް، ހުރިހާ މަދަރުސާތައް ބަންދުކުރުމަށްވަނީ ނިންމާފައެވެ. އެ ޤައުމުގައި ފާހަގަކުރުމަށް ތައްޔާރުވަމުންދާ ކްރިސްމަސް ޗުއްޓީއާއި ދިމާކޮށް ފިހާރަތަކުން ބާޒާރުކުރާ މީހުންގެ ޢަދަދު އިތުރުވުމަކީ ފާއިތުވި ދުވަސްކޮޅުގައި ބަލިޖެހޭ މީހުންގެ ކޮންޓެކްޓުން އިތުރުވާން ދިމާވި ސަބަބެއްކަމަށް ޗާންސެލަރު މާކެލްވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ދެ ގޭބިސީއަކަށް ނިސްބަތްވާ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއް ގެއެއްގައި ބައްދަލުކުރުން މަނާވާނެއެވެ. ނަމަވެސް ޑިސެމްވަރު މަހުގެ 24ވަނަ ދުވަހުން 26ވަނަ ދުވަހަށް އެ އުސޫލަށް ލުއިދޭނެއެވެ. އެ މުއްދަތުގައި އެހެން ގޭބިސީއެއްގައި ދިރިއުޅޭ ހަތަރު ޢާއިލީ މެންބަރުންނާއި ގޭގައި ބައްދަލުކުރުމަށް ދަޢުވަތު ދިނުމުގެ ފުރުޞަތު ދޭނެއެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޖަރުމަނުވިލާތުގެ ރެސްޓޯރަންޓުތަކާއި ކެފޭތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާ މަރުކަޒުތައްވަނީ ބަންދުކޮށްފައެވެ. ޖަރުމަނުވިލާތުގެ މާލީ ވަޒީރު، އޯލާފް ޝޮލްޒްވަނީ ގެއްލުން ލިބެމުންދާ ވިޔަފާރިތަކަށް މަހަކު 500،000 ޔޫރޯއާއިހަމައަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ދޫކުރާނެކަމަށް ވިދާޅުވެފައެވެ.