ކިންގްޑަމް އޮފް އެސްވާޓިނީގެ ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވަހާރަވުމާ ގުޅިގެން އެޤައުމުގެ ރަސްގެފާނު މްސްވަޓީ III އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
 
ރައީސުލްޖުމްޙޫރިއްޔާ ފޮނުއްވި މެސެޖުގައި ދިވެހި ރައްޔިތުންނާއި ސަރުކާރު އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެޤައުމުގެ ރަސްގެފާނަށާއި ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް ބޮޑުވަޒީރުގެ ޢާއިލާގެ ބޭފުޅުންނަށް ތައުޒިޔާ ފޮނުއްވިއެވެ. 
ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވާހަރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެ، ބޮޑުވަޒީރު ޤައުމުގެ ތަރައްޤީއާއި ހަމަޖެހުމަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. 
އެސްވާޓިނީގެ ބޮޑުވަޒީރު އަވަހާރަވެފައިވަނީ އުމުރުން 52 އަހަރުފުޅުގައި ކޯވިޑް-19އަށް ޕޮޒިޓިވްވެ ސައުތު އެފްރިކާގެ ހޮސްޕިޓަލެއްގައި ފަރުވާހޯއްދަވަމުންދަނިކޮށެވެ. އެސްވާޓިނީގެ ބޮޑުވަޒީރުކަން ޑްލަމިނީ އަންނަނީ 2018 އިން ފެށިގެން ކުރައްވަމުންނެވެ.