ޚަބަރު

މާލެ ޖަލާއި ހުޅުމާލެ ޖަލު އެއްކޮށްލަނީ


މާލެއާއި ހުޅުމާލެ ޖަލު އެއްކޮށްލުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ޖަލަށް 8 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޕްރިޒަންސް ކޮމިޝަނަރ ވިދާޅުވީ މާލެއާއި ހުޅުމާލެ ޖަލު އެއްކޮށްލުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ކޮންސެޕްޓް ކުރެހުންތައް ނިންމާ ޑީޓެއިލް ކުރެހުންތަކުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް ޕްރިޒަންސް ކޮމިޝަނަރ އަހްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ އަންނަ އަހަރުކުރީ ކޮޅު ޖަލުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި މިޖަލު ވެގެންދާނީ ރާއްޖޭގައި ހަދާ ސަރަހައްދީ އެންމެ ބޮޑު ޖަލަށްކަމަށާއި މިތަނުގައި ރިމާންޑް މީހުންނާއި އަންހެން ޤައިދީންގެ އިތުރުން ކުޑަކުދިންވެސް ބޭއްތިބުމަށް ނިންމާފައިވާކަމަށެވެ. މި ތަނަކީ ޑިޓެއިނީސްއަށް ހާއްސަ ޖަލަކަށް ވާނެކަންވެސް ކޮމިޝަނަރ އަހްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ކުށްވެރިން އެއްތަނުން އަނެއްތަނަށް އުފުލުމަކީ މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ އައު ޖަލާއި އެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މިމަސައްކަތް ނިމޭއިރު މުވައްޒަފުން ތިބޭނެ އިތުރު އެކޮމަޑޭޝަން ބްލަކްތައްވެސް ހެދިގެންދާނެކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ޕްރިޒަންސް ކޮމިޝަނަރ އަހްމަދު މުޙައްމަދުފުޅު ވިދާޅުވީ މާލެއާއި ހުޅުމާލޭ ޖަލު އެއްކޮށްލުމުގެ މަސައްކަތް ނިންމާ 2022 ވަނަ އަހަރު އެތަން ބޭނުންކުރަން ފެށޭވަރުވާނެކަމަށެވެ. މީގެއިތުރުން ނޭކުރަންދޫ ޖަލު ތަރައްޤީކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށާއި އެ މަސައްކަތްވެސް އަންނަ އަހަރު ފެށިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސަސް އިން ބަލަހައްޓާ ހަތަރު ޖަލެއް ހުރެއެވެ. މިޖަލުތަކުގެ ޖާގައަކީ 1300 މީހުންކަމަށްވިޔަސް މި ޖަލުތަކުގައި 1800 މީހުން މިވަގުތުވެސް އެބަތިބިކަމަށް ދާދި ފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ޖަލުގައި ޖާގަ ނެތުމުން އެކި ކުށްކުށުގައި ޖަލަށްލެވޭ މީހުން އެއްތަނެއްގައި ތިބެންޖެހިފައިވާކަމަށާއި އެހެންނަމަވެސް ބޮޑެތި ކުށްވެރިންނާއި ހައްދު ފަހަނަ އަޅާފައިވާ މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

ޖަލުގެ ހާލަތު ރަނގަޅުކުރުމަށް ޖަލުތަކުގެ ހާއްސަ އޮޑިޓެއް ހަދާ ފާހަގަކުރެވުނު ކަންކަން އިސްލާހުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.