ޚަބަރު

ލޮނުފެނުން މަސްފިނިކުރާ ނިޒާމުގެ ޑިއުޓީ މައާފު ކޮށްދީފި


ލޮނުފެނުން މަސްފިނިކުރާ ނިޒާމު ރާއްޖެ އެތެރެކުރުމަށް ނަގާ ޑިއުޓީ މާޢާފު ކުރެވޭނެ އިންތިޒާމު ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރެފްރިޖަރޭޓެޑް ސީވޯޓަރ ސިސްޓަމް، ނުވަތަ އާރް.އެސް.ޑަބްލިއު ނިޒާމު އެތެރެކުރާ ފާރާތްތަކަށް ޑިއުޓީ މައާފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީ އަށް ޑިއުޓީ މާއާފު ކުރާ ފޯމާއެކު އިންވޮއިސް ހުށަހަޅެމުން ޑިއުޓީ މާއާފު ކޮށްދެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

އާރް.އެސް.ޑަބްލިއު ނިޒާމަކީ، ރާއްޖޭގެ މަސްވެރިން އައިސް ގަތުމަށް ކުރަން ޖެހޭ ޙަރަދުތައް ކުޑަކުރުމަށް މިފަހަކަށް އައިސް ދޯނި ތަކުގައި ހަރު ކުރަމުންދާ ނިޒާމެކެވެ. މިނިޒާމުން ޑިއުޓީ ކަނޑާލުމުން މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސިނާޢަތް ތަރައްޤީކުރުމަށް ލުޔެއް ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަ ދޯނިތަކުން، މިހާރުވެސް އައިސް ހޯދުމަށް ދުރަށް ދުއްވަންޖެހޭ ކަމަށް ބައެއް ދޯނި ތަކުން ބުނެއެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ބާނާ މަހުގެ ތާޒާ ކަން ގެއްލި ގެއްލުމާއި ކުރިމަތިވާ ކަމަށް ބައެއް މަސްވެރިން ދަނީ ބުނަމުންނެވެ.