ވިޔަފާރި

ހުއްދަދިނުމާއެކު މާލެ ސަރަހައްދުގެ 15 ގެސްޓްހައުސްއެއް ހުޅުވައިފި


މާލެ ސަރަހައްދުގެ 15 ގެސްޓްހައުސްއެއް މިއަދު ހުޅުވައި ޙިދުމަތްދޭން ފަށައިފިއެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ވަކި ޙާއްސަ ގައިޑްލައިންއަކާއިއެކު ހުޅުވާލުމުގެ ހުއްދަ މިއަދުން ފެށިގެން ސަރުކާރުން ވަނީ ދީފައެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިއަދު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދިނުމާއިއެކު މިހާތަނަށް 15 ތަނެއް ވަނީ ހުޅުވާފައިކަމަށެވެ. ގްރޭޓަރ މާލެ ސަރަހައްދު ކަމަށްވާ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިމިވަނީ ކޯވިޑް19 އަށްފަހު މިތަންތަން ބަންދުކޮށްފައި ހުންނަތާ 9 މަސްދުވަސް ފަހުންނެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ވިދާޅުވީ، މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަދިން ނަމަވެސް ގޮންޖެހުންތަކެއް ވިޔަފާރިވެރިންނަށް ދިމާވެފައިވާކަމަށެވެ. މިކަންކަން ހައްލުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއި މިހާރު މަޝްވަރާކުރަމުންދާކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.

ކޯވިޑް-19ގެ ސަބަބުން ގެސްޓްހައުސްތައް ބަންދުކުރުމާއި ހަމައަށް މާލެ ސަރަހައްދުގައި 82 ގެސްޓް ހައުސްއެއް ދިޔައީ ހިންގަމުންނެވެ. ނަމަވެސް ކޯވިޑް19 މާލެ ސަރަހައްދުގައި ފެތުރުން އިތުރުވުމާއިއެކު ގެސްޓްހައުސްތައް ވަނީ ބަންދުކޮށްފައެވެ.