ޚަބަރު

ޓީސީގެ ޒުވާން ކުޅުންތެރިންނާއެކު ދަ ގްރާންޑޭ މައްޗަށް ކުރި ހޯދޭނެ - ޝާޒްލީ


ޓީސީގެ ޒުވާން ކުޅުންތެެރިންނާއެކު ދަ ގްރާންޑޭ މެޗްއަށް ޓީމް ތައްޔާރުމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ޓީސީ ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ވާދަކުރާ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީބުނީ ޓީސީ ޓީމުގެ ބޮޑުބައި މިހާރު އެކުލެވިގެންވަނީ ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށްކަމަށާއި މިއީ ވަރަށް ބޮޑު ޗެލެންޖެއްކަމަށެވެ. ޒުވާން ކުޅުންތެރިންނާއިއެކު ކާމިޔާބު ހޯދޭނީ ވަރަށް ބުރަ މަސައްކަަތުންކަމަށާއި ދަ ގްރާންޑޭ މެޗަށް މިކުޅުންތެރިންނާއެކު ނިކުންނައިރު، ކުޅުންތެރިންނާމެދު ވަރަށް ބޮޑަށް އިތުބާރު ކުރާކަމަށާއި ބޭނުންވަނީ ލީގުގެ ފުރަތަމަ މެޗުން މޮޅެއްކަމަށް މުހައްމަދު ޝާޒްލީ ބުންޏެވެ. އަދި މިއަހަރުގެ ސީޒަންއާއި ޓީސީ ކުރިމަތިލީ އެންމެ މަދުވެގެން މިއަހަރުގެ ސީޒަންގައި އެއް ތަށި ހޯދުމުގެ އަޒުމްގައިކަމަށްވެސް ޝާޒްލީ ފާހަގަކުރިއެވެ.

"ޓީސީއަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެއް. އެކަން ކުލަބްއިންވެސް އެބަޖެހޭ ސާބިތުކޮށްދޭން. މިހާރު ޓީސީގެ މެނޭޖްމަންޓްއާއި ވާހަދަކައިގެން މިވަގުތު ޓީސީއިން އެންމެ ބޮޑަށް ވިސްނުން ހުރީ، ޒުވާން ކުޅުންތެރިންނާއިއެކު ނިކުންނަން. ޒުވާން ކުޅުންތެރިންނާއިއެކު ނިކުތްނަމަވެސް ކާމިޔާބުވެސް ބޭނުންވާނެ، އެހެންވީމަ މިއަހަރުގެ ސީޒަންގައި އެންމެ މަދުވެގެން އެއް ތަށި ހޯދުމަށް މިހާރު އަޒުމްއަކީ. ތަށީގެ އިތުރުން ލީގްގައި ރަގަނޅު ހިސާބެއްގައި އޮތުންވެސް ވަރަށް މުހިންމު." ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާޢީލް މަހުފޫޒް (އިންމަ)ބުނީ މިއަހަރުގެ ސީޒަންއަށް ވަރަށް ރަގަނޅަށް ތައްޔާރުވެވުނުކަމަށާއި ހަމައެކަނި މައްސަލައަކަށް ދިމާވީ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ބިދޭސީ ކުޅުންތެރިންނަށް ބައިވެރިނުވެވުންކަމަށެވެ. މިވަގުތު ޓީމާއި ގުޅިފައިވާ ކުޅުންތެރިންނާމެދު ވެސް ވަރަށް ހިންހަމަޖެހޭކަމާށާއި ޓީމާއި ގުޅިފައިވަނީ މީގެ ކުރިންވެސް ފުރަތަމަ ޑިވިޝަންގައި މޮޅަށް ކުޅެފައިވާ ކުޅުންތެރިންތަކެއްކަމަށްވެސް އިންމަ ބުންޏެވެ. އަދި ޓީސީ މެޗާއި ކުރިމަތިލާއިރު އެޓީމް އޮތް ހާލަތަށް ބަލަން ބޭނުން ނުވާކަމަށްވެސް އިންމަ ފާހަގަކުރިއެވެ.

"އިދިކޮޅުން ނިކުންނަ ޓީމް އޮތް ހާލަތު ބެލުމަކީ އަޅުގަނޑު އެހާ އިސްކަމެއް ދޭކަމެއްނޫން. އަޅުގަނޑު މިބަލަނީ އަޅުގަނޑުގެ ޓީމްގެ ހާލަތު އާއި މިޓީމް އޮތް ލެވެލް. ދުވަހުން ދުވަހަށް މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ މިހާރު ޓީމް އޮތް ހާލަތަށް ވުރެއް ރަގަނޅު ހާލަތަކަށް ގެންދެވޭތޯ. އަޅުގަނޑުން މިހާރު މިދަނީ ވަރަށް ރަގަނޅަށް ތައްޔާރުވަމުން، ޓީސީއަކީވެއް ރާއްޖޭގެ އެންމެ މޮޅު އެއް ޓީމް. ޓީމްގެ ކުޅުންތެެރިންނަށް ބަދަލްތަކެއް އައިކަމުގައި ވިއަސް، ޓީސީގެ ނަމުގައި ދަށް ޓީމްއެއް ނިކުންނާނެކަމަށް އަޅުގަނޑު ނުދެކެން. އެހެން ވީމަ ދަ ގްރާންޑޭ ނިކުންނާނީ ވަރުގަދަ މެޗްއަކަށް ތައްޔާރުވާ ފަދައިން." ދަ ގްރާންޑޭގެ ކޯޗް އިންމަ ބުންޏެވެ.

އިންމަ ބުނީ މިއަހަރުގެ ސީޒަންގައިވެސް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ އަމާޒަކީ ލީގުގެ ގަދަ 4ގައި އޮވެގެން ނިންމާލުންކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް ކޯޗް އިންމަ ބުންޏެވެ.