ޚަބަރު

ބ. ތުޅާދޫގައި އިމާރާތްކުރި 50 ގޭގެ ތަޅުދަނޑި ވެރިފަރާތާ ހަވާލުކޮށްފި


ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ބ.އަތޮޅު ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ ތެރެއިން މިހާރު އިމާރާތްކޮށް ނިމިފައިވާ 50 ހައުސިން ޔުނިޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ތުޅާދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޔުނިޓްގެ މަސައްކަތްކުރި ކޮންޓްރެކްޓަރވަނީ މި50 ހައުސިން ޔުނިޓްގެ ތަޅުދަނޑި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއާ ހަވާލުކޮށްފައެވެ.

ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ ތެރެއިން މިހާރު އިމާރާތްކޮށް ނިމިގެން ހަވާލުކުރި 50 ހައުސިންގް ޔުނިޓް ލިބުނު ފަރާތްތަކަށް މިހާރު އެ ގެތައް ބޭނުންކުރެވޭނެއެވެ. އަދި މިހާރު ކުރިއަށްދަނީ މި ހައުސިން ޔުނިޓްތަކަށް ފެން ހޮޅި ގުޅުމުގެ މަސައްކަތްކަމަށް ތުޅާދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ. ފެންހޮޅި ނުގުޅި ހުރީ މިއީ އަލަށް ހިއްކާފައިވާ ސަރަހައްދަކަށްވާތީ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއްވައެވެ. ބިމުގެ ދަތިކަން ހައްލުކުރުމަށް ބ.ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ ކޮންމެ ގެއަކީ 3 ކޮޓަރި އާ އެކު 3 ފާޚާނާ އާއި ބަދިގެ ހިމެނޭހެން އިމާރާތްކުރާ ގެތަކެކެވެ.

ތުޅާދޫއަކީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެރަށެއްގެ ބިން ފުރިގެން ބިން ހިއްކަން ޖެހުނު އެއް ރަށްކަމަށްވާއިރު އެރަށުން 2010 ވަނަ އަހަރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކާފައެވެ. ހިއްކި ސަރަހައްދުގެ ބޮޑު އިންސައްތައެއް ބޭނުންކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. އެގޮތުން މިހާރު އިމާރާތްކުރަމުންދާ 50 ހައުސިން ޔުނިޓުގެ އިތުރުން އެސަރަހައްދުން 88 ގޯތި ދޫކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

3000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި މީހުން ދިރިއުޅެނީ 558 ގޭބިސީއެއްގައެވެ.