ޚަބަރު

ޔުނިސެފުން ސްކޫލްތަކަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފި


ދަރިވަރުންނަށް ބޭނުންވާ ދިވެހި ވާހަކަފޮތްތަކަކާއި ސްކޫލްތައް ސާފުކުރުމަށް ބޭނުންވާ ޑިސްއިންފެކްޓެންޓް ޔުނިސެފްއިން ހަދިޔާކޮށްފިއެވެ. މީގެ އިތުރުން ޔުނިސެފްއިން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް 420 ލެޕްޓޮޕްވެސް ހަދިޔާކޮށްފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. މުނީރް އޭ.ސަފީލްދީންއެވެ. އަދި މި ތަކެއްޗާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

މިއީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު މެދުނުކެނޑި ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިއުމަށާއި، 2021ވަނަ އަހަރުގެ ސްކޫލްތައް ރައްކާތެރިކަމާއެކު ހުޅުވުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ހަދިޔާ ކުރި ސާމާނުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރް ވިދާޅުވީ މި ތަކެތީގެ ސަބަބުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ޑރ މުނީރްގެ ވާހަކަފުޅުގައި ވަނީ ކޯވިޑް19ގެ އާލަމީވަބާގެ ތެރޭގައިވެސް ދަރިވަރުންގެ އުނގެނުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރި މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ.

މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް ޔުނިސެފްގެ އެހީތެރިކަން އަބަދުވެސް ގިނަ ގޮތްގޮތުން ލިބޭކަން ފާހަގަކުރައްވައި، ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރް އޭ. ސަފީލްދީން އަދި ޔުނިސެފްގެ ޓީމަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޔުނިސެފާއި ތަޢުލީމީ ދާއިރާއާއި ދެމެދުވާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާ މިގޮތުގައި އަބަދުވެސް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އޮތްކަންވެސް ފާހަގަކުރެއްވިއެވެ

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 420 ލެޕްޓޮޕަކީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން- ޖީޕީއީގެ ފަންޑުން ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް ހަމަޖެހިފައިވާ ހިލޭއެހީގެ ދަށުން ހަދިޔާކުރި ތަކެތިކަމަށެވެ.. ރާއްޖެ ޖީޕީއީގެ މެންބަރު ގައުމަކަށްވީ 2019ވަނަ އަހަރުއެވެ. ސްކޫލްތަކުގައި ބޭނުން ކުރުމަށް މިއަދު ހަދިޔާ ކުރި ޑިސްއިންފެކްޓެންޓްއަކީ ޔޫއެސްއެއިޑްގެ އެހީގައި ޔުނިސެފުން ހަދިޔާ ކުރި ތަކެއްޗެވެ. އަދި ޔުނިސެފްއިން ވަނީ 2726 ދިވެހި ވާހަކަފޮތްވެސް ހަދިޔާކޮށްފައެވެ.