ޚަބަރު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި


ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ކަނޑައަޅާފައިވާ ބިލެކެވެ.

މި ބިލުގެ މަގްސަދަކީ އާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ހެޔޮ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން، ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ. އަދި ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ އެފިޝަންޓް ، ތިމާވެއްޓާއި ރައްޓެހި ޚިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުމާއި ރަނގަޅު ފެންވަރުގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ. މީގެ އިތުރުން އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައަޅައި، ތަންފީޛުކުރުމާއި، މި ޤާނޫނާއި އަދި ކަމާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، ފިޔަވަޅު އަޅާނެ ނިޒާމެއް ޤާއިމުކުރުންވެސް މިބިލްގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.