ށ. ފޭދޫގައި ކުރީގައި ބޭނުންކުރަމުންދިޔަ ސުކޫލްގެ ކުލާސްރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެއްކޮށް އަނދައިފިއެވެ.
އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ސަމީރު ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެކައުންސިލްއަށް ލިބިފައިވަނީ މިއަދު މެންދުރު 11:00 ޖަހާ އެހާކަންހާއިރު ކަމަށެވެ. އަދި ރައްޔިތުން ނިކުމެ މިހާރު އަލިފާންގަނޑު އެއްކޮށް ނިވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލް ރައީސް ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފަނުވާކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ކްލާސްރޫމަކީ ކުރިން ބޭނުން ކުރި ސުކޫލްގެ އެންމެ ބޮޑު ކުލާސްރޫމް ކަމަށާއި، އެތާނގައި އެ ސުކޫލްގައި ބޭނުން ކުރި ބައެއް ސާމާނު ރައްކާ ކޮށްފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި އެތާނގައި ރޯވި އަލިފާންގަނޑާއެކު އެ ސާމާނުތައް އެއްކޮށް އަދައިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަކަމަށް ފޭދޫ ކައުންސިލުން ބުނެއެވެ.