ޚަބަރު

އިންތިޚާބު ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން މިހަފްތާގައި ލިބޭނެ: ޝަރީފް


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ އެޗްޕީއޭއިން މިހަފްތާގައި ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން އިޢުލާންކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. ކޯވިޑް-19އާއި ގުޅިގެން އިއުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އިންތިޚާބު ފަސްކުރުމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްޞަ ޤާނޫނުގެ ނަމުގައި ވަގުތީ ޤާނޫނެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާވަނީ ތަސްދީޤްކުރައްވާފައެވެ. މި ޤާނޫނު ބުނާގޮތުން އަންނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ޤާނޫނުގައި ބުނާ ތާރީޚުގެ ކުރިން އެކޮމިޝަނުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން 60 ދުވަހުގެ ކުރިން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، 28 ދުވަސް ކުރިން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ދިނުންފަދަ ކަންކަން ހިމެނޭކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އެކަންކަމަށް ރިޢާޔަތްކޮށް މިހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާއި ޖެނުއަރީ މަހުގެ 5 ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައި އިންތިޚާބު ބާއްވަން ކުރަންޖެހޭ މަސައްކަތްކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމުން މެނުވީ ކަނޑައެޅިފައިވާ ތާރީޚަށް އިންތިޚާބު ނުބޭއްވޭނެކަމަށެވެ.

ކައުންސިލް އިންތިޚާބާއި ބެހޭ ވަގުތީ ޤާނޫނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ފަށަންވާނީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނުވަތަ ކޯވިޑް-19 އާ ގުޅޭގޮތުން އިޢުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ޙާލަތެއް ނިމުމަކަށް ގެނައުމަށްފަހު، އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެކަމެއް ނޫންކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅުމަށްފަހުގައިކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ވަކި ތާރީޚެއްގެ ކުރިން އިންތިޚާބު ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުއްދަ ނުދޭނަމަ މަސައްކަތް ނުފެށޭނެކަމަށާއި، އެކަމާއިގުޅިގެން އެޗްޕީއޭއާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިހަފްތާގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ހުއްދަ ލިބޭނެކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިހާރު އެޗްޕީއޭގެ ފަރާތުން ނުރަސްމީކޮށް އަޅުގަނޑުމެންނަށް ދެއްވާފައިވާ މަޢުލޫމާތަކީ ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވާނެކަމަށް. އަދި އެޗްޕީއޭއިން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައި އޮތް އޮތުން ބާޠިލު ނުކުރިނަމަވެސް. ޤާނޫނު ބުނޭ އެޗްޕީއޭއިން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފިނަމަ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް އެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާ ނުލިނަމަވެސް".އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވުންކަމަށާއި، ނަމަވެސް އިންތިޚާބު މިހާރު ކަނޑައަޅާފައިވާ ތާރީޚަށް ވުރެ ފަސްކުރަންޖެހިއްޖެނަމަ އިންތިޚާބު ބާއްވަންޖެހޭނީ ރަމަޟާން މަހުގެ ތެރޭގައިކަމަށެވެ. އެކަމުގެ ސަބަބުން ވޯޓްލާން ނިކުންނަ މީހުންގެ ޢަދަދު މަދުވުމުގެ ފުރުޞަތު އޮތްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"މިހާރު އޮތް ތާރީޚަށްވުރެ ފަސްވެއްޖެނަމަ ރޯދަމުގެ ތެރެއަށް އިންތިޚާބުގެ ފުރަތަމަ ބުރު ނުވަތަ ދެވަނަ ބުރުގެ ބައެއް ފޯލްވުމަކީ އެކަށީގެންވާކަމެއް. އެހެންވެ ރޯދަމަހުގެ ކުރިން އިންތިޚާބު ނިންމަން ހިފާފަ މިތިބީ. އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ ރޯދަމަހުގެ ތެރޭގައި ވޯޓްލާން ނިކުންނަ މީހުންގެ ޢަދަދު މަދުވާނެކަމަށް."އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އިންތިޚާބަށް ތައްޔާރުވުމުގެ ފުރުޞަތު އެޗްޕީއޭއިން ދެއްވާއިރު، ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުޞަތެއް ދެއްވުމަށްވެސް އެދިފައިވާނެކަމަށެވެ. މިހާރު އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން އިންތިޚާބަށް ކެމްޕެއިންކުރުމަށް ފުރުޞަތު ނެތްކަމުގެ ޝަކުވާ ލިބިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.