ވިޔަފާރި

5 ވަނަ ސަޓާ އެވޯޑު ރަސްމިއްޔާތު އަންގާރަދުވަހު ވާޗުއަލްކޮށް ބާއްވަނީ


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާގެ އެވޯޑް ރަސްމިއްޔާތު ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބާއްވާ ގޮތަށް ހަމެޖެހިއްޖެއެވެ.

އަންގާރަދުވަހު ބާއްވާ ސަޓާ އެވޯޑް ރަސްމިއްޔާތު އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖެހިގެންދިޔައީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ބައިނަލްއަޤްވާމީ ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކަށް ބެލުމަށްފަހުކަމަށް މިހަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިއަހަރު ސަޓާ އެވޯޑަށް ކުރިމަތިލިފާއިވަނީ، ދެކުނު އޭޝިއާގައި ހިމެނޭ، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް ރާއްޖެ، އަދި ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ކޮންމެ އަހަރެއްގެ ކުރީކޮޅު ހުޅުވާލައެވެ.

މިފަހަރު މިއެވޯޑަށް 52 ކެޓަގަރީ އަކުން 1000 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ސަޓާއިން ބުނެއެވެ. މި އެވޯޑުތަކަށް ކުރިމަތިލާ ފަރާތްތައް ހޮވާނީ، ބައިނަލްއަޤްވާމީ މާހިރުންގެ ޕެނަލަކުންނެވެ. އެގޮތުން ޖަޖުންގެ ޕެނަލުގެ 60 އިންސައްތަ މާކްސް އެވޯޑުތަކަށް ދޭއިރު، ބާކީ 40 އިންސައްތަ މާކްސް ދޭނީ، އޮންލައިން ވޯޓުން އަދި ތަނުގެ ހިންގުންތެރިކަން ވަޒަން ކުރުމަށްފަހުއެވެ. އެއް ފަރާތަކަށް މި އެވޯޑަށް ކުރިމަތިލެވޭނީ އެންމެ ގިނަ ވެގެން 3 ކެޓެގަރީ އަކުންނެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އެވޯޑަށް މާކްސް ދިނުމަށް އެ ސަރަހައްދުތަކަށް ދަތުރު ކުރުމަށް ރޭވިފައި އޮތް ނަމަވެސް، ހާލަތަށް ބަލައި މި ފަހަރު މާކްސް ދިނުމުގެ ކަންކަން ރާވާފައިވަނީ، އޮންލައިންކޮށެވެ. އެވޯޑަށް މާކްސް ދިނުމުގެ ކަންކަން މިދިޔަ ނޮވެމްބަރުމަހު ތެރޭގައި ވަނީ ނިންމާލާފައެވެ.

މިއީ ސަޓާ އެވޯޑު ބޭއްވޭ 5 ވަނަ ފަހަރެވެ. މީގެ ކުރިން ކުރިން ސްރީލަންކާގައި 2016 ވަނަ އަހަރު އެންމެ ފުރަތަމަ އެވޯޑު ބޭއްވުނު އިރު، 2 ވަނަ އެވޯޑް ރަސްމިއްޔާތު ބޭއްވުނީ 2017 ވަނަ ރާއްޖޭގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އިންޑިއާގައި އެވޯޑް ހަފްލާ ބޭއްވުމަށްފަހު މިދިޔަ އަހަރު އަނެއްކާވެސް މި އެވޯޑު ރަސްމިއްޔާތު ބޭއްވީ ލަންކާގައެވެ.