ދުނިޔެ

އިއްޔެވެސް އެމެރިކާގައި ކޯވިޑްގައި މަރުވި މީހުންގެ އަދަދު 3000 މަތީގައި


އެމެރިކާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 16 މިލިއަނަށް ހުރަސްކޮށް މައްޗަށް އަރައިފިއެވެ. މިހާތަނަށް ޖުމްލަ 16 މިލިއަން 549 ހާސް މީހުންނަށް ކޯވިޑް ޖެހި 305،082 މީހުން މަރުވެފައިވާ އެމެރިކާ އޮތީ އެ ބަލީގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުގެ ގޮތުގައެވެ.

އެ ޤައުމުގައި އަށް މިލިއަން މީހުންނަށް ބަލިޖެހުމަށް ނެގީ ގާތް ގަނޑަކަށް ނުވަ މަސް ދުވަހެވެ. ނަމަވެސް އެ ޢަދަދު ދެ ގުނައަށް އިތުރުވުމަށް ނަގާފައިވަނީ ދެ މަސް ދުވަހަށްވުރެ ކުރު މުއްދަތެކެވެ. ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައިވެސް އެ ޤައުމުގައި އެއް މިލިއަން މީހުންނަށްވަނީ ކޯވިޑް ޖެހިފައެވެ.

އިއްޔެ އެކަނިވެސް އެމެރިކާގައި 3،300އަށްވުރެ ގިނަ މީހުންވަނީ ކޯވިޑުގައި މަރުވެފައެވެ. އެއީ އެ ޤައުމުގައި އެއްދުވަސް ތެރޭގައި އެހާ ގިނަ ޢަދަދެއްގެ މީހުން މިބަލީގައި މަރުވި ދުވަހެވެ. އެ ދުވަހުގައި 231،700 މީހުންނަށް ބަލިޖެހިފައިވާއިރު އެއީވެސް ރެކޯޑު ޢަދަދެކެވެ. އެމެރިކާގެ ހަސްފަތާލުތަކުގައި ކޯވިޑަށް ފަރުވާ ދިނުމަށް އެނދުމަތިކޮށްފައިވާ މީހުންގެ ޢަދަދުވެސް ޖެހިޖެހިގެން ހަ ދުވަސް ވަންދެން ހުރީ ރެކޯޑު އަދަދުތަކުގައެވެ. މިވަގުތު 108،000އަށްވުރެ ގިނަ މީހުންނަށް ހަސްފަތާލުތަކުގައިދަނީ ފަރުވާ ދެމުންނެވެ.

އެމެރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 16 މިލިއަނަށް އަރާފައިމިވަނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ފައިޒާގެ ވެކްސިން ދިނުމަށް އެޤައުމުން ހުއްދަދީފައިވަނިކޮށެވެ. މާދަމާ އާންމުންނަށް ވެކްސިން ދޭން ފަށާނެކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.