ޚަބަރު

ޙައްޖުވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޤާނޫނެއް ހަދަނީ


ޙައްޖުވެރިންނަށާއި ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ޙައްޖާ ބެހޭ ޤާނޫނެއް" ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

"ޙައްޖާ ބެހޭ ޤާނޫނެއް" ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މީގެކުރިން ރާއްޖެއިން މީހުން ޙައްޖަށް ގެންދަނީ ވަކި ޚާއްސަ އުޞޫލެއް އެކުލަވާލައިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ޙައްޖާބެހޭ ޤާނޫނެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުންކަމަށެވެ. އަދި ވަކި ޤާނޫނެއް އެކުލަވާލާ ޤާނޫނުގެ ދަށުން އަމަލު ކުރުމުގެ ސަބަބުން މިހާރު ކުރިމަތިވަމުން އަންނަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޙައްޖަށް ދާ މީހުންގެ އަތުން އިތުރަށް ނަގާ ފައިސާގެ މައްސަލައަކީވެސް ބޮޑު މައްސަލައަކަށްވެފައިވާކަމަށާއި މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި "ހައްޖު ޕޯޓަލް"އެއްވެސް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ޖަމާއަތްތަކަށްވެސް ޙައްޖަށް ގެންދިޔުމުގެ ހުއްދަ ވަކި އުޞޫލެއްގެ ދަށުން ދެމުން އާދެއެވެ. އެހެންނަމަވެސް ބައެއް ޖަމާއަތްތަކުން ޙައްޖަށް ދާ މީހުންގެ އަތުން އިތުރަށް ފައިސާ ނެގުމާއި ކޮރަޕްޝަންގެ މައްސަލަތައް ކުރިމަތިވެއެވެ. މިކަން ހައްލުކުރުމަށްޓަކައި ހައްޖު ޕޯޓަލް އެއް ޤާއިމްކުރާއިރު ޙައްޖަށް ދާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރ ވާންޖެހެނީ އެ ޕޯޓަލްގައެވެ. އަދި މިޕޯޓަލްގެ ޒަރިއްޔާއިން ހައްޖަށް ގެންދާ ޖަމާއަތްތަކުންދޭ ޚިދުމަތްތައް ފެންނަން ހުންނާނެކަމަށާއި ޙައްޖުވެރިޔާ ބޭނުންވާ ޖަމާއަތެއް އިޚްތިޔާރުކުރުމުގެ އިތުރުން ފައިސާވެސް ދެއްކުމަށް ހަމަޖެހިފައިވަނީ އެ ޕޯޓަލްއަށްކަން އިސްލާމިކް މިނިސްޓަރ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަޢުދީ އަރަބިއްޔާއިން 1000ކޯޓާ ދެއެވެ. އެހެންނަމަވެސް ކޯވިޑް 19 [ގެ ސަބަބުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން އެއްވެސް ބަޔަކު ގޮސްފައެއް ނުވެއެވެ. އެހެންކަމުން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި ކުންފުނިތަކުން އިސްލާމިކް މިނިސްޓްރީއަށް ދެއްކި ފައިސާ އަނބުރާ އެ ކުންފުނިތަކަށް ވަނީ ހަވާލުކޮށްފައެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުވެސް ހައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ކުންފުނިތަކުން އެކަމަށް ހުއްދައަށް އެދެންޖެހޭނެކަމަށެވެ.