ޚަބަރު

ރަސްދޫ ޒުވާނުންގެ ހިތްވަރު: އެޅީ ނެގީ


ޒުވާނުން ކަންކަމުގައި ނެރޭ ހިތްވަރަކީ ކަމެއް ފެށުމުގެ ކުރިންވެސް އެކަމެއް ކާމިޔާބުވާނެ ކަމުގެ އުންމީދު އާވާ ކަންކަމެވެ. އެހެނީ ޒުވާނުން ކުރާ ކަންކަން ކާމިޔާބުކުރުމުގައި ޒުވާނުން ކަށިން ހިތްވަރުނެރެގެން ޖޯޝާއެކު މަސައްކަތްކުރާތަން އަންނަނީ ފެންނަމުންނެވެ. މުޖްތަމަޢުގެ ފައިދާ ލާބާއަށް ޒުވާނުންކުރާ ރަނގަޅު ކަންކަމަށް ހިތްވަރުދީ އެކަމުގައިމުޖްތަމަޢުގެ ބައިވެރިވުން ލިބުމަކީ ޒުވާނުން މިފަދަ ކަންކަމަށް ނިކުތުމަށް ލިބޭ ހިތްވަރަކަށް ނޫނީ ނުވާނެއެވެ.

"އެޅީ ނެގީ" މިއީވެސް ރާއްޖޭ ރަށެއްގައި ޒުވާނުން އިސްނައިގެން ހިންގި ޕްރޮގްރާމެކެވެ. މިޕްރޮގްރާމަކީ އއ. ރަސްދޫގެ ޒުވާނުން އިސްނަގައިގެން ކުރިޔަށް އެރަށް ސާފުކުރުމަށް ހިންގި ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ވަނީ މުޅި ރަސްދޫގެ ވަށައިގެންވާ ހުރިހާ ސަރަހައްދެއް ސާފުކޮށްފައެވެ. މިކަމުގައި ހަރަކާތްތެރިވި ޒުވާނެއް ކަމަށްވާ އަހްމަދު އަމީޒު ޕީއެސްއެމްއަށް މައުލޫމާތު ދެމުން ބުނީ މިއީ ޒުވާނުން އިސްނައިގެން ހިންގި "އެޅީ ނެގީ" ގެ ދެވަނަ ހަރަކާތް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި 83 ޖަމްބޯ ބޭގް ކުނި ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެޅީ ނެގީ" ގެ މި ހަރަކާތުގެ ތެރެއިން ކުނި ނަގައި ސާފުކުރުމުގެ އިތުރުން ރަށުގެ 64 ތަނެއްގައި ޕޯލް ބަހައްޓާފައިވާކަމަށް އެޅީ ނެގީ ޓީމްގެ ފަރާތުން މައުލޫމާތު ދެއެެވެ. އަދި މިއިން ކޮންމެ ޕޯލެއްގައި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ތަފާތު އެކި ލިޔުންތައް ލިޔެފަވާ ބޯޑުތައް ހަރުކޮށްފައިވާނެ ކަމަށްވެސް އަމީޒު މައުލޫމާތުދިނެވެ.

ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގެ ހަރަކާތްތައް ހިންގާ ރަސްދޫގެ ޒުވާނުން ވަނީ ކުނި އެޅުމުގެ ނުރައްކާތެރިކަމާއި، މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ރަސްދޫގައި ހިންގި މި ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ އެންމެ ބޮޑު އަމާޒަކީ ކުނި އެޅުންފަދަ ތިމާވެއްޓަށް ނެދެވޭ އަސަރުކުރާ ކަންކަމާއި ގުޅޭ ގޮތުން ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުން ކަމަށް އަމީޒު ބުންޏެވެ. އަދި ކުރީފަހަރުގެ ހަރަކާތަށް ވުރެ މިފަހަރުގެ ހަރަކާތަށް ލިބުނު ތަރުހީބު ބޮޑުކަން އޭނާ ފާހަގަކުރިއެވެ.

ރަސްދޫގެ ޒުވާނުން އިސްނަގައިގެން މި ހަރަކާތް ހިންގުމަށް ނިންމީ ގިނަ ބައެއްގެ ބައިވެރިވުން އޮންނަ ގޮތަކަށް މި ހަރަކާތް ހިންގުމަށް ކަމަށާއި، އެގޮތުން ރަށުގެ އެކި އެކި ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ރަށުގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ޒިޔާރަތްކުރިކަމަށް ހަރަކާތުގައި ހަރަކާތްތެރިވި ޒުވާނަކު ޕީއެސްއެމްއަށް މައުލޫމާތުދިނެވެ. އެގޮތުން މިހުރިހާ ފަރާތްތަކާއި ރަށުގެ ޒުވާނުން ހިމެނޭހެން މިފަހަރުގެ ހަރަކާތުގައި ސަތޭކަ ފަންސާހަށްވުރެ ގިނަ މީހުން މިހަރަކާތުގައި ބައިވެރިވި ކަމަށް އަމީޒު ބުންޏެވެ.

"އެޅީ ނެގީ" ގެ ފުރަތަމަ ހަރަކާތް ހިންގާފައިވަނީ ރަސްދޫ ކައިރީގައި އޮންނަ މަޑިވަރާއި މަޑިވަރު ފިނޮޅު ސާފުކުރުމަށެވެ. މި ހަރަކާތުގައި 2 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

މިފަދަ ކަންކަމުގައި ޒުވާނުން އިސްވެ ހަރަކާތްތެރިވުމަކީ މުޖުތަމައުގައި ހުންނަ ނޭދޭ މިފަދަ ކަންކަމުން ކުރިޔަށް އޮތް ޖީލުތައް ރައްކާތެރިކުރުމަށް އާވާ ވަރަށް ބޮޑު އުންމީދެކެވެ. މީގެ ކުރިންވެސް ޒުވާނުން އިސްނަގައިގެން މުޖުތަމައުއަށް ފައިދާ ހުރި މިފަދަ ކަންކަން ކޮށްފައިވާއިރު މީގެ ތެރެއިން ކާށިދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި އެޅި ފާލަމާއި، ހުޅުދެލީ ޒުވާނުން އިސްވެ އެރަށުގެ ތުނޑިމަތި ސާފުކުރުމަށް ހިންގި ހަރަކާތް ފާހަގަކުރެވެއެވެ.