ކުޅިވަރު

ސިޓީއާއި ޔުނައިޓެޑް އެއްވަރުވެ، ޗެލްސީ ބަލިވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއާއި މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރި މެޗު އެއްވަރުވެގެން ނިމުނުއިރު އެވަޓަން އަތުން ޗެލްސީ ބަލިވެއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗު ލަނޑެއް ނުޖެހި ނިމުނުއިރު އެވަޓަންއިން ޗެލްސީގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީއަށް މުޅިމެޗުގައި ވެސް ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އޭގެ ތެރެއިން ރިޔާދް މަހްރޭޒް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. މުޅި މެޗުގައިވެސް 2 ޓީމަށް އުފެއްދިފައިވަނީ ޖުމްލަ 4 ހަމަލާއެވެ.

މި ސީޒަންގެ ލީގުގައި ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު 3 މެޗެއްގައި ލަނޑު ނުޖެހި ނިންމާލާފައެވެ. އެންމެފަހުން މި ދެޓީމު ވާދަކުރި ތިންމެޗުން ވެސް ޔުނައިޓެޑު ބަލިވެފައެއް ނުވެއެވެ. މިއީ މި ދެޓީމު ލީގުގައި ބައްދަލުކުރި 47 މެޗުން ލަނޑެއް ނުޖެހި އެއްވަރުވި 5 ވަނަ މެޗެވެ.

ރޭ އެވަޓަން އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީގެ މައްޗަށް ކުރިހޯދީ މެޗުގެ ކުރީކޮޅު ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރި ހަމައެކަނި ލަނޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގިލްފީ ސިގާޑްސަންއެވެ.

މިމެޗުން ބަލިވުމާއެކު ޗެލްސީން ބަލިނުވެ ދަމަހައްޓަމުން އައި 17 މެޗުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. ރޭ ލީގުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ ވެސްޓް ބްރޮމްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. ރޭގެ މެޗުގައި ނިއުކާސަލްއިން ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ މެޗުގެ 19 ވަނަ ސިކުންތުގައި މިގުއަލް އަލްމިރޯން ކާމިޔާބުކުރި ލަނޑުންނެވެ. މީއީ ނިއުކާސަލްއަށް ޕްރިމިއަރ ލީގުގެ ތާރީހުގައި ކާމިޔާބުކުރި ދެވަނައަށް އެންމެ އަވަސް ލަނޑެވެ. ލީގުގައި ނިއުކާސަލްއިން އެންމެ އަވަހަށް ޖެހި ލަނޑަކީ 2005 ވަނަ އަހަރު ސިޓީއާ ދެކޮޅަށް އެލަން ޝިއަރާ ކާމިޔާބުކުރި ލަނޑެވެ.

އެންމެފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފަސްމެޗުގެ ތެރެއިން ނިއުކާސަލް ވަނީ 3 މެޗު ކާމިޔާބުކޮށްފައެވެ. އެންމެފަހުން ރަށުން ބޭރުގައި ކުޅުނު 6 މެޗުން ވެސްޓްބްރޮމް އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރޭ ލީގުގައި އޮސްޓަން ވިލާ އާއި ވުލްވޯސް ވާދަކުރި މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ވިލާއެވެ. މެޗުގެ ހަމައެކަނި ލަނޑު އިތުރު ވަގުތު ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އަންވަރު އެލްގާޒީއެވެ. މިމެޗުގައި 11 ރީނދޫ ކާޑު ފެނިގެންދިޔައިރު، 2 ރަތްކާޑުވެސް ފެނިގެންގޮސްފައިވެއެވެ.

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު ޕްރިމިއަރ ލީގުގެ ތާވަލަށް ބަލާލާއިރު، އެއްވަނައިގައި އޮތީ ޓޮޓްނަމްއެވެ. 2 ވަނައިގައި ލިވަރޕޫލް އޮތްއިރު، 3 ވަނައިގައި އޮތީ ޗެލްސީއެވެ. ރޭގެ މެޗު އެއްވަރުވުމުން ޔުނައިޓެޑް 8 ވަނައަށް ވެއްޓުނު އިރު ސީޓީ އޮތީ 9 ވަނައިގައެވެ. އަދި ޗެލްސީއަތުން މޮޅުވި އޮސްޓެން ވިލާ އޮތީ 10 ވަނައިގައެވެ.