ރިޕޯޓް

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްނިމި، ރައްޔިތުންގެ އިންތިޒާރު ނިމުމަކަށް


10 ހާހަށްވުރެ ބޮޑު އާބާދީއެެއް ދިރިއުޅެމުންދާ ކުޅުދުއްފުއްޓަކީ ކަނޑުދަތުރުކުރުމަށް އެކި ސައިޒުގެ ގިނަ އުޅަނދު ފަހަރު ބޭނުންކުރަމުންދާ ރަށެކެވެ. އަދި ކަނޑު ދަތުރުކުރާ އުޅަނދު ގިނަވުމުގެ ސަބަބުން ބަނދަރުގެ ދަތިކަން މިފަދަ އުޅަނދު ގެންގުޅޭ ފަރާތްތަކުން ދަނީ ތަހަންމަލްކުރަމުންނެވެ. މީގެއިތުރުން ކުޅުދުއްފުއްޓަކީ އެކި ރަށްރަށުން އެތައް ބަޔަކު ގޮވައިގެން އެހެން ރަށްރަށުގެ އުޅަނދުތައްވެސް ޒިޔާރަތްކުރާ ރަށެކެވެ. މިފަރާތްތަކަށްވެސް ކުޅުދުއްފުށީގައި މިހާރު ބޭނުންކުރާ ބަނދަރުން ޖާގަ ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

ކުޅުދުއްފުށީގެ ރައްޔިތުން ބަނދަރަކަށް ބޭނުންވެގެން އެކަމުގެ ޝަކުވާ ކައުންސިލްއަށާއި ކަމާބެހޭ ފަރާތްތަކަށް ދިޔައީ ހުށަހަޅަމުންނެވެ. އަދި މިކަމުގެ ކަންބޮޑުވުންތައް އެކިގޮތްގޮތަށް ދިޔައީ ފާޅުކުރަމުންނެވެ.

ކުޅުދުއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ކުޅުދުއްފުށީ ހިއްކި ސަރަހަށްދުގައި ބަނދަރެއް ހެދުމަށް ސަރުކާރުން ނިންމަވާ މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރި ހިސާބުން ރައްޔިތުންނަށް އުންމީދު އާވެގެންދިޔައެވެ. އެހެންނަމަވެސް ބަނދަރު ވަކި ހިސާބަަކަށް ދިއުމުން ބަނދަރުގެ ޑިޒައިނާމެދު އޮޑިވެރިން ހިތްހަމަނުޖެހޭތީ އަނެއްކާވެސް އެމީހުންގެ ޝަކުވާތައް ކައުންސިލްއަށް ހުށަހަޅަން ފެށިއެވެ.

އެތައް ޝަކުވާތަކަކާއި މަޝްވަރާތަކެއް އޮޑިވެރިންނާއި ކައުންސިލް އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު ކުރެވެމުންދިޔައެވެ. އަދި ކައުންސިލުން މިކަމާގުޅޭގޮތުން ރައްޔިތުން ކުރަމުންދާ ޝަކުވާތަކާއި މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް ހުޅަހެޅުއްވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމާއި ގުޅޭގޮތުން ކައުންސިލްއާއި ބައްދަލްކުރައްވާ މަޝްވަރާކުރައްވާފައެވެ. އަދި ބަނދަރުގެ ޑިޒައިންއަށް ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމެވިއެވެ.

އެމްޓީސީސީން ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހު ނިންމާލީ، ރައްޔިތުން ބޭނުންވި ބަދަލުތަކާއެކުއެވެ. މި މަޝްރޫޢުގެ ދަށުން، 236844 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 24450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ހިއްކައި، 1000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތް ކުރުމާއި، އެއްގަމު ތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް ގައު އަތުރައި، ކާނުގަނޑުގެ މަތި އެޅުން ފަދަ މަސައްކަތްތައްވެސް ކޮށްފައިވެއެވެ.

މި މަޝްރޫއު ނިންމާލިއިރު މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކަނޑާފައިވާއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއްހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ވެސް ހަދާފައިވެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ބަނދަރުގައި ފެރީޓާމިނަލެއް އިމާރާތް ކުރުމާއި، ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިލް ފިހާރަތަކާއި ނަމާދުކުރާ ތަނެއް އަދި ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ތަރައްގީކޮށްފައެވެ

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މަސް މާރުކޭޓެއް ހެދުމާއި މަސް ކަނޑާތަނެއް ހެދުމާއި މަސްވެރިންނަށް ފާހާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމާއި ސްޓޯރާއި ފައިސާ ކައުންޓަރުތައްވެސް ގާއިމުކޮށްފައިވެއެވެ. އަދި ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއްވެސް ވަނީ ތަރައްގީކޮށްފައެވެ.