ޚަބަރު

ދިރޭކުދިމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ގެޒެޓްކޮށްފި


ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލި "ދިވެހިރާއްޖޭގެ ދިރޭކުދިމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" ގެޒެޓްކޮށްފިއެވެ.

މި ޕްލޭންގެ އެންމެ މުހިންމު މަޤްސަދަކީ ރާއްޖޭގައި ކުރެވޭ ދިރޭކުދިމަހުގެ މަސްވެރިކަން ޒިންމާދާރު ގޮތެއްގައި ރާވައި ހިންގައި، ބެލެހެއްޓުމާއި ދިރޭ ކުދިމަހުގެ މަސްވެރިކަމުގެތެރެއިން ހިފާ މަހުގެ ބާވަތްތަކަށް އަސަރުކޮށްފާނެ ޙަރަކާތްތައް މެނޭޖްކުރުމާއި މަސްވެރިކަމުގެ ފައިދާ ދިގުމުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް ބާރު އެޅުމެވެ. މީގެއިތުރުން ދިރޭ ކުދިމަހުގެ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގައި ޝާމިލުވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި އެންމެފައި ފަރާތްތަކަށް އެހީތެރިވުމެވެ.

މިހާރު ޢަމަލުކުރަން ފަށާފައިވާ މިޕްލޭންގެ ދަށުން ކަނޑައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ޢަމަލުނުކުރާނަމަ އެފަރާތަކާމެދު ފިޔަވަޅުއަޅާނެއެވެ.

ރާއްޖޭގެ ވަކި ސަރަހައްދަކުން ދިރޭކުދިމަހުގެ މަސްވެރިކަން ކުރުން މަނާކުރުމާއި، ދިރޭކުދިމަހުގެ ވަކި ބާވަތެއް ހިފުން ނުވަތަ އެކްސްޕޯޓްކުރުން މަނާކުރުމާއި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަދަލުގެންނަން ޖެހިއްޖެ ހާލަތެއްގައި އެ އުސޫލުތަކަށް ބަދަލުގެނައުމާއި ދިރޭ ކުދިމަހުގެ އާބާދީއަށް އަސަރުކޮށްފާނެ ހަރަކާތްތަކާގުޅޭގޮތުން ފިޔަވަޅު އެޅުމުމުގެ ބާރު މި ޕްލޭންގެދަށުން ކަމާބެހޭ ފަރާތްތަކަށް ލިބިދެއެވެ.

މި ޕްލޭންގެ ސަބަބުން މުސްތަގްބަލުގެ ޖީލުތަކަށް މަސްވެރިކަމުގެ މަންފާ ލިބުމަށް ހުރަސް ނޭޅޭނެހެން ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ލިބެއެވެ.

ދިރޭކުދިމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގެ ދަށުން މިބާވަތުގެ މަސްވެރިކަމުގައި ހިފާ ބާވަތްތަކާގުޅޭ ދިރާސާތައް ކުރުމާއި އެބާވަތްތަކުގެ އާބާދީ މެނޭޖްކުރުމާއި ވިޔަފާރި ކުރުމާގުޅޭ ސިޔާސަތުތަކާއި މިފަދަ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފައްދަން ޖެހެއެވެ. މިއީ ކަމާ ގުޅޭ އެކި ދާއިރާތަކުން މީހުން ބައިވެރިކޮށްގެން އުފައްދަންޖެހޭ ކޮމިޓީއެކެވެ.