މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ އައްޑޫ އޮޑިޝަންތައް ފެށުމަށް ތައްޔާރުވަނީ


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ފުރަތަމަ އޮޑިޝަން އައްޑޫ ސިޓީގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ޕީ.އެސް.އެމުން ވާންފަށައިފިއެވެ.މި ޝޯގެ ފުރަތަމަ އޮޑިޝަން މާދަމާ ހެނދުނު ފެށުމަށް ހަމަޖެހިފައިވާއިރު، މި ޝޯގެ ހިތަދޫ އޮޑިޝަން ބޭއްވުމަށް ތައްޔާރުވުމުގެ ގޮތުން ޕީ.އެސް.އެމްގެ ޓީމް ދަނީ އައްޑޫ ސިޓީގެ ހިތަދޫގައި ހަރަކާތްތެރިވަމުންނެވެ.މިޓީމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ޕީ.އެސް.އެމްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ޝާޔަން ޝާހިދާއި، އިންޑިއަން އައިޑަލްގެ ކްރިއޭޓިވް ޑައިރެކްޓަރ ސަތިޝް ދަތްގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ކްރެއިރޭޓީވް ޑިރެކްޓަރ މުޢާވިއަތު އަންވަރެވެ.އޮޑިޝަންތަކަށް އައިޑަލްގެ ތިން ޖަޖުންނާއި، ޝޯވގެ ޕްރެޒެންޓަރ ހިމެނޭހެން މުޅި ޓީމް މިހާރު ދަނީ އައްޑޫ ސިޓީގައި ތައްޔާރީތައްވަމުންނެވެ.މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ އޮޑިޝަން އައްޑޫ ސިޓީގައި ބޭއްވުމަށް ސިޓީކައުންސިލްގެ އިދާރާ އެކަމަށްޓަކައި ތައްޔާރުކުރުމުގައި ޕީ.އެސް.އެމްގެ ޓީމުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.މި ޝޯވއަކީ ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޝޯވއަށްވެފައި، ޝޯވގެ ހުރިހާކަމެއްވެސް ބައިނަލްއަޤްވާމީ ސްޑޭންޑަޑްތަކަށް ފެއްތުމަށްޓަކައި، ޕީ.އެސް.އެމްގެ ޓީމުން ކައުންސިލް އިދާރާގެ އެތެރެޔާއި، ބޭރުގެ ސަރަހައްދު ތައްޔާރުކުރަމުންދަނީ އިންޑިއަން އައިޑަލް ޖުނިއަރގެ ކްރިއޭޓީވް ޑައިރެކްޓަރ ސަތިޝް ދަތްގެވެސް އިރުޝާދާއި އެއްގޮތަށެވެ.އޮޑިޝަންތައް ވީހާވެސް ފުރިހަމަކޮށް ކުރިއަށްގެންދިއުމަށްޓަކައި، އައިޑަލްގެ މުޅި ކްރޫވެސް ކައުންސިލް އިދާރާ ތައްޔާރުކުރުމުގެ މަސައްކަތުގައި ދަނީ އަމަލީގޮތުން ބައިވެރިވެ، އޮޑިޝަން ބާއްވާ ހޯލާއި، އޮޑިޝަންގައި ބައިވެރިވާ ކުދިންގެ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދާ ކައުންޓަރުތައް ޑިޒައިންކޮށް، ރީތިކުރުމަށް އަވަދިނެދި މަސައްކަތް ކުރަމުންނެވެ. އަދި ކައުންސިލްގެ އެކި ތަންތަނުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ޕޯސްޓަރުތައް ހަރުކުރުމާއި ބަހައްޓަންޖެހޭ ސްޓޭންޑްތައް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.މި މަސައްކަތް ކުރުމުގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ރައްޔިތުންގެވެސް ވަރަށް ބޮޑު އެއްބާރުލުމަކާއި، އެހީތެރިކަމެއް ލިބެމުންދާކަން ޕީ.އެސް.އެމްގެ ޓީމުން ފާހަގަކުރެއެވެ.އައްޑޫ ސިޓީގެ އޮޑިޝަންތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، އޮޑިޝަންގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އަދިވެސް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ޕީ.އެސް.އެމްގެ ފަރާތުން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން އޮޑިޝަން އޮންނަ ސަރަހައްދުކަމަށްވާ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް އައިސް ނަން ނޯޓްކުރުމަށް ޚާއްސަ ކުރެވިފައިވާ ކައުންޓަރުތަކުންވެސް ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ކުރެވޭނެއެވެ.މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްދާނީ ތިން ލެވެލަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އޯޕަން އޮޑިޝަނެކެވެ. އެއަށްފަހު ތިއޭޓަރ އޮޑިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދެ އޮޑިޝަންގައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް އެފަރާތްތަކުގެ ލަވަކިޔުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.މޯލްޑިވިއަން އައިޑަލް ފެށުމަށް ބައްވާ ގްރޭންޑް އިވެންޓް ނުވަތަ "ގާލާ ޝޯވ"އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ ތިން ވަނައަށް ބާއްވާ ޕިއާނޯ ރައުންޑުންނެވެ.މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް މާލޭ ސިޓީގެ އިތުރުން، ރާއްޖޭގެ 4 ސަރަހައްދެއްގައި ކުރިއަށްދާނެއެވެ.އެގޮތުން އެންމެ ފުރަތަމަ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. އަދި މޯލްޑިވިއަން އައިޑަލްގެ 2 ވަނަ އޮޑިޝަން ގއ. ވިލިނގިލީގައި އޮކްޓޯބަރު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، 3 ވަނަ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައެވެ. އަދި 4  ވަނަ އޮޑިޝަން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޅ. ނައިފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލޭ ސިޓީގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.