ހަންގޭރީގެ ރެފްރީ ވިކްޓަރ ކަސާއީ ދިވެހި ރެފްރީންނަށް މަޢުލުމާތުގެ ސެޝަނެއް ބާއްވައިފިއެވެ. ވިކްޓަރއަކީ ރާއްޖޭގެ ފުޓްބޯޅަ ދަނޑުން ފެނިފައިވާ އެންމެ ފުންނާބު އުސް ދެވަނަ ރެފްރީއެވެ.
ވިކްޓަވަނީ 2011ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލުގައި ބާސެލޯނާ އާއި މެންޗެންސްޓަރ ޔުނައިޓަޑް ބައްދަލުކުރި މެޗުގައި ރެފްރީކަން ކޮށްފައެވެ. މީގެ ކުރިން 2006ވަނަ އަހަރު ދުނިޔޭގައި އުފެދުނު އެންމެ މޮޅު ރެފްރީކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ޕިއަރްލުއިޖީ ކޮލީނާ ވަނީ ގަލޮޅު ދަނޑުގައި ރެފްރީކަންކޮށްފައެވެ. ކޮލީނާ ގަލޮޅު ދަނޑުގައި އިންސާފުކޮށްފައިވަނީ ސުނާމީ ފަންޑްރެއިޒިން މެޗެއްގައެވެ.
ހޮޓެލް ޖެންގައި ދިވެހި ރެފްރީންނަށް ކުރިއަށްދިޔަ ސެޝަންގައި ވިކްޓަރވަނީ އޭނާގެ ތަޖުރިބާ ދިވެހި ރެފްރީންނާ ހިއްސާކޮށްފައެވެ. މިސެޝަނާ ބެހޭގޮތުން ވާހަކަދައްކަމުން ތަޖުރިބާކާރު ރެފްރީ އަދި ރެފްރީޒް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަމީޒް ވިދާޅުވީ މިއީ ރެފްރީނަށް ވަރަށް ބޭނުން ސެޝަނަކަށް ވެގެންދިޔަކަމަށެވެ. ފީފާ އާއި ޔޫއެފާ ފަދަ ބޮޑެތި މެޗުތަކުގައި ރެފްރީކަން ކޮށްފައިވާ ރެފްރީއެއްގެ ތަޖްރިބާ ހިއްސާކުރުމުން ދިވެހި ޒުވާން ރެފްރީނަށް ވަރަށް ބޮޑު ހިއްވަރެއް ލިބިގެންދާނެކަމަށާއި ދަނޑުން ބޭރުގައިވެސް ރެފްރީން ވާންޖެހޭނީ ނަމޫނާ ބަޔަކަށް ކަމަށް ވިކްޓަރ ބުނެފައިވެއެވެ.
އަމީޒް ވިދާޅުވީ ރެފްރީންގެ އެކިއެކި ލެވެލްތަކުގައި ކަންތައްތައް ކުރާނެ ގޮތް ވަރަށް ތަފްސީލްކަމާއެކު ވިކްޓަރވަނީ ކިޔައިދީފަކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ ޤައުމެއްގައި ފުޓްބޯޅަ މެޗެއްގައި ރެފްރީކަން ކުރުމުގައި ވަރަށް ބޮޑަށް ސަމާލްވާން ޖެހޭ ކަން ކަން ހުންނަ ކަމަށްވެސް އަމީޒު ވިދާޅުވި. މީގެ އިތުރުން ފުޓުބޯޅަ މެޗެއްގެ ރެފްރީ ކަންކުރަން ދަނޑަށް އެރުމާއެކު އެހެން ހުރިހާ ހިޔާލްތަކާއި ދުރުވެ، ސީދާ ރެފްރީކަން ކުރުމަށް ވިސްނުން ބަހައްޓަންޖެހޭކަމަށާއި އެހެންނޫނީ ދިމާވާ ކިތަންމެ ކުޑަކަމަކުންވެސް ނަތިޖާ ބަދަލުވެދާނެކަމަށް ވިކްޓަރގެ ސެޝަނުން އެނގުނުކަމަށް އަމީޒް ވިދާޅުވި.
ރަޝިޔާގެ ފުޓްބޯލް ޔޫނިއަންގެ ހެޑް އޮފް ރެފްރީޒްގެ މަގާމްގައި މިވަގުތު ހުރި ވިކްޓަރވަނީ ޗެންޕިއަންސްލީގުގެ އިތުރުން 2010ވަނަ އަހަރުގެ ވޯލްޑްކަޕާއި 2012ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރެފްރީކަންކޮށްފައެވެ.