ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަކީ މުހިއްމު ބައިވެރިއެއްކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ. އެޤައުމުން މިކަން ހާމަކޮށްފައިވަނީ އެޤައުމާއި ރާއްޖެއާއި ދެމެދު ބޭއްވި ޑިރެކްޓަރ ޖެނެރަލް ލެވެލްގެ މަޝްވަރާތަކުގައެވެ.
ރާއްޖެ ފޮރިން މިނިސްޓްރީއާއި ޗައިނާގެ ފޮރިން މިނިސްޓްރީ އާއި ދެމުދު އިއްޔެ ބޭއްވި މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގްއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސޮންގް ވިދާޅުވީ ރާއްޖެއާއި ޗައިނާއަކީ ވަރަށް ގާތް ދެޤައުމުކަމަށާއި، ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެ ޤައުމަށް ރާއްޖޭގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި، ރާއްޖެއަކީ ޗައިނާގެ މުހިއްމު ބައިވެރިއެއްކަމަށް ޗެންގް ސޮންގް ވިދާޅުވިއެވެ.
ވަރޗުއަލްކޮށް ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ވަނީ ހިރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ކޯވިޑް-19 ގެ ޙާލަތުގައި ޗައިނާ ސަރުކާރާއި ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޖާވިދު ވަނީ ޝުކުރުއަދާކުރައްވާފައެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އަވަސް މުސްތަޤްބަލެއްގައި ދެޤައުމުގެ ދެމެދު ދަތުރުފަތުރު އަލުން ފެށި، ވިޔަފާރިކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޖާވިދު ވިދާޅުވިއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޯވިޑް އިތުރަށް ފެތުރުން ހުއްޓުވުމާއި، އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާއި ރާއްޖެއާ ޗައިނާއާ ދެމެދު އަލުން ވައިގެ ދަތުރުތައް ފެއްޓުމާ ބެހޭ ގޮތުންނެވެ.
މި މަޝްވަރާތަކުގައި ދެ ޤައުމުންވެސް ވަނީ ދެޤައުމުގެ ގުޅުން އެކި ދައިރާތަކުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި، އިޤްތިޞާދީ އަދި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރިއެވެ. އަދި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ދެޤައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ރާއްޖެއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ރާއްޖެއާ ޗައިނާ އާ ދެމެދު ޑިރެކްޓަރ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ވަނީ ބާއްވާފައެވެ.