ޚަބަރު

މައްސަލަ ބެލުމުގައި ލަސްވޭތޯ ބަލާނެ މިންގަނޑެއް އެކުލަވާލައިފި


ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާ ޙަވާލުކުރާ މައްސަލަތައް ބެއްލެވުމުގައި ލަސްވާކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ މިންގަނޑެއް އެކޮމިޝަނުން އެކުލަވާލައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކޮންމެ ފަނޑިޔާރަކު، އެފަނޑިޔާރަކާ ބެލުމަށް ޙަވާލުކޮށްފައިވާ ހުރިހާ މައްސަލަތައް ލަސްނުކުރައްވައި ބައްލަވައި ނިންމެވުމަށް މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާނެކަމަށެވެ. އެހެންކަމުން މައްސަލަތަށް ލަސްނުކުރައްވައި ނިންމެވުމުގައި އެކަށީގެންވާ ގޮތަށް ޒިންމާ އަދާކޮށްފައިވޭތޯ ބެލުމުގައި ޖޭއެސްސީން ރިޢާޔަތްކުރާނޭ މިންގަނޑެއް މިދިޔަ ނޮވެމްބަރު 30ވަނަ ދުވަހު ޝާއިޢުކޮށްފައި ވާނެކަމަށެވެ. މި މިންގަނޑާ އެއްގޮތަށް އަންނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރަންފަށާނެކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މި މިންގަނޑުގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ފަނޑިޔާރަކާ މައްސަލައެއް ޙަވާލުކުރާ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެމައްސަލާގައި ގޮތެއް ކަނޑައެޅުއްވިފައި ނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ ނުވަތަ ދާއިރާގެ އިސް ފަނޑިޔާރަށް ދަންނަވާފައިވޭތޯއާއި އެގޮތަށް ދެންނެވުމަށްފަހު މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން އެ ފަނޑިޔާރަކު މަދުވެގެން މަހަކު އެއްފަހަރު އިސް ފަނޑިޔާރަށް މަޢުލޫމާތު އަރުވަމުންގޮސްފައިވޭތޯ ބަލަންޖެހެއެވެ.

މީގެ އިތުރުން އިސް ފަނޑިޔާރަކުނަމަ، އެ ކޯޓުގެ ނުވަތަ ދާއިރާގެ ރިޕޯޓް އެކުލަވާލާފައިވޭތޯ ބެއްލެވުންވެސް އެ މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ. އަދި މައްސަލަ ނުނިމި ލަސްވާކަމުގެ ޝަކުވާ ހުށަހަޅާފައިވަނީ ޖިނާޢީ މައްސަލައަކާ ގުޅިގެންނަމަ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީޚުތަކާއާއި ގަޑި ކަނޑައަޅައި އެގެ ތާވަލު މައްސަލައިގައި ހިމެނޭ ޚަޞްމުނަށް ދީފައިވޭތޯ ބަލާނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

ޖޭއެސްސީން އެކުލަވާލި މިންގަނޑުގައި ފަނޑިޔާރުންގެ ޤާނޫނާއި، ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން އިސް ފަނޑިޔާރުން އަދާކުރައްވަންޖެހޭ މަސްޢޫލިއްޔަތުތައް އިސްފަނޑިޔާރުން އަދާކުރައްވާފައިވޭތޯ ބަލާނެކަމަށްވެސް ބުނެފައިވެއެވެ.